ހައިބްރިޑް-ތްރެޓްތަކާއި ނުރައްކާތެރި ޖަމާއަތްތަކުގެ އުދުވާނީ ހަމަލާތައް ރާއްޖެއަށް އަމާޒު ކުރަމުން ގެންދާ ކަމަށް ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ޑިފެންސް ޗީފް މިހެން ވިދާޅުވީ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަމާލު ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްޓަށް ބޮޑެތި ބަދަލުތަކެއް ވަމުންދާ ކަމަށާ މި ސަރަހައްދުގެ ރައްކާތެރި ކަމަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ޑިފެންސް ޗީފް ވިދާޅުވި ގޮތުގައި ހައިބްރިޑް-ތްރެޓްތަކާއި ނުރައްކާތެރި ޖަމާއަތްތަކުގެ އުދުވާނީ ހަމަލާތައް ރާއްޖެއަށް ދަނީ އަމާޒުވަމުންނެވެ.
"އަދުގެ ދުނިޔެ އާއި ރާއްޖެ މި ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްޓަށްޗވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުން. ތަފާތު ގޮންޖެހުންތަކާއި ދަނީ ކުރިމަތި ކުރުވަމުން. ސަލާމަތީ މަސްރަހު ކިލަނބުވެފައިވާ މި ދުވަސްވަރު ހައިބްރިޑް-ތްރެޓްތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލަތައް ވެސް ރާއްޖެއާއި ދިމާލަށް ދަނީ އަމާޒު ކުރަމުން،" ޗީފް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ މިފަދަ ކަންކަމާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރެވޭ އަދި އެކަންކަމާއި ކުރިމަތިލުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަށްޓަކައި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް ވަސީލަތާއި އެހެނިހެން ގޮތްގޮތުން އިތުރު ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެކަންކަމަކީ ވަރަށް ބޮޑު ހަރަދާއި އެތައް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަންކަމަށްވާތީ އެކަމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމަށެވެ.