ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިފައިންނަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކީ ސިޔާސީ ނުވެ ހިދުމަތް ކުރުން: ރައީސް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ގައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމަށް ހިދުމަތް ކުރުމުގައި ދެމިތިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމަށް ހިދުމަތް ކުރުމުގައި ދެމިތިއްބެވުން ކަމަށެވެ.

".. އެކަމަށް ތިޔަ ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީ އަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ސިފައިންގެ ގާނޫނު. އަދި ސިފައިންގެ ތެރޭގައި އަމަލުކުރަމުން އަންނަ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް. ތިޔަ ސިފައިންގެ ސިކުނޑިތައް ހާނުވާފައިވަނީ ގައުމަށްޓަކައި ގުރުބާންވާން ޖެހިއްޖެނަމަ އެއީ ޝަރަފެއް ކަމަށް ދެކި، ކެރިގެން އެކަމާ ކުރިމަތިލުމަށް. ތިޔަ ސިފައިންގެ ހަށިހެޔޮކަން ބިނާކޮށްފައިވަނީ ގައުމުގެ ދިފާއުގައި އުފުލަން ޖެހިއްޖެ ކޮންމެ ބުރައަކާއި ތަހަންމަލް ކުރަންޖެހިއްޖެ ކޮންމެ އުނދަގުލެއް ގިރާކޮށް، ގައުމާއި ރައްޔިތުންނާއިގެން އަމާން އައްސޭރިއެއް ހޯދޭނެ ފެންވަރަށް،" ރައީސް ވިދާޅުވިއެވެ.


އެމަނިކުފާނު ވިދާޅުވީ ސިފައިންނަކީ އަސްކަރީ ހިދުމަތެއް ކަމަށްވިޔަސް ދިވެހި ސިފައިންގެ ދައުރު އެއަށްވުރެ މާ ފުޅާ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ބޭނުންވާ މަދަނީ ކިތަންމެ ހިދުމަތެއް ދިވެހި އަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުން ކަމަށެވެ. ގައުމަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި އެއީ ގުދުރަތީ ކާރިސާއެއް ކަމަށްވިޔަސް ނުވަތަ ނުރައްކާތެރި ހާދިސާއެއް ކަމަށްވިޔަސް އެފަދަ ކޮންމެ ކަމަކުން ދިވެހި ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރިކޮށްދިނުމަށް އެންމެ ކުރިން ނުކުންނާނެ ބަޔަކީ ދިވެހި ސިފައިން ކަމަށް ވިދާޅުވިއެވެ.

"ސިފައިންގެ މީހަކަށް ވުމާއެކު ދެން މަސައްކަތް ކުރަންވީ ގައުމީ ބަތަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ހިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދިނުމަށް. އެ ފުރުސަތު ތިޔައިން ކޮންމެ ސިފައިންގެ މީހަކަށްވެސް އެބައޮތް. ދިވެހި އަސްކަރިއްޔާގެ ތެރޭގައި ކުރިއަށް ދެވޭނެ ފުރުސަތުތައް އެބަހުރި. ބޭނުންވަނީ ހިތްވަރާއި އަޒުމާއެކު ކެރިގެން ކަންކަމާ ކުރިމަތިލުން،" 

ސިފައިންގެ މީހަކަށް ވުމާއެކު ދެން މަސައްކަތް ކުރަންވީ ގައުމީ ބަތަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ހިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދިނުމަށް. އެ ފުރުސަތު ތިޔައިން ކޮންމެ ސިފައިންގެ މީހަކަށްވެސް އެބައޮތް. ދިވެހި އަސްކަރިއްޔާގެ ތެރޭގައި ކުރިއަށް ދެވޭނެ ފުރުސަތުތައް އެބަހުރި. ބޭނުންވަނީ ހިތްވަރާއި އަޒުމާއެކު ކެރިގެން ކަންކަމާ ކުރިމަތިލުން
އިބްރާހިމް މުހައްމަދު ސޯލިހް | ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ ސިފައިންގެ މީހެއްގެ ނަން ލިބުމާއެކު ގަދައަޅައި މަސައްކަތް ކުރަންވީ ސިފަވަންތަ އަހްލާގުގެ މަތީގައި ސާބިތުވެ ހުރުމަށް ކަމަށެވެ. ސިފަވަންތަ އަހްލާގުގެ އެންމެ މަތިވެރި ސިފައަކީ ކޮށްފައިވާ ހުވައިގެ މަތީގައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ދެމިހުރުން ކަމަށާ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި އޯގާތެރިކަމާއި ތެދުވެރިކަމާއެކު ހިދުމަތްކުރުމުގެ ރޫޙަކީ އެ އަހުލާގުގެ މައިގަނޑު އެއް އަސާސް ކަމަށެވެ.

"ސިފައިންގެ ކޮންމެ މީހަކުވެސް އިސްކަންދޭންވާނީ އެމީހެއްގެ އަމަލާއި ބަހުން ސިފަވަންތަކަމުގެ އަހްލާގާއި ސުލޫކު އޭގެ އެންމެ މަތީ ދަރަޖައިގައި ތަމްސީލުކޮށްދިނުމަށް. މުޖްތަމައުގައި ހިނގާ އެންމެހައި ނޭދެވޭ ކަންކަމުން ދުރުހެލިވެ އަހްލާގީ ގޮތުންނާއި ސުލޫކީ ގޮތުން ނަމޫނާ ބަޔަކަށްވުމަކީ ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު ސިފަތަކެއް،" ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއު ކުރުމާއި ގާނޫނުއަސާސީ އާއި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. އަދި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން އެ ވެރިކަން ހިމާޔަތް ކޮށްދިނުން ކަމަށެވެ.