މާރިޔާ އަހުމަދު ދީދީ

މިނިސްޓަރުގެ ނަސޭހަތް: ނުވާނޭ ބުނުމުގެ ބަދަލުގައި ވާނޭ ބުނޭ

ތިމާއަށް ގުދުރަތުން ދެއްވާފައިވާ ހުނަރާއިި ގާބިލްކަން ނެރި އިތުރަށް ފުޅާކުރެވޭނީ ތިމާގެ ވަޒީފާގެ ދާއިރާއިން ކުރިއަރަން ލިބޭ ފުރުސަތުތަކަށް "އާނ" އެކޭ ބުނެގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދިވެހި ގައުމީ ދިފާއީ ބާރާ ގުޅުނު ސިފައިންގެ ޕާސިން އައުޓް ޕްރޭޑް ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އަލަަށް ގުޅުނު ސިފައިންނަށް ނަސޭހަތްތެރިވަމުން މިނިސްޓަރު ވިދާޅުވީ މިވަގުތު އެންމެ ބޮޑަަށް ހަނދާންކޮށްދޭން ބޭނުންވަނީ ހަޔާތުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި އަށަގަންނުވަންޖެހޭ އެންމެ މުހިންމު އެއް ސިފަ ކަމަށްވާ ތިމާޔާ ޒިންމާއެއް ހަވާލުކުރެވުމުން އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ކަމަށެވެ. އެއީ އެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ.

"ތިމާއަށް ގުދުރަތުން ދެއްވާފައިވާ ހުނަރާއިި ގާބިލްކަން ނެރި އިތުރަށް ފުޅާކުރެވޭނީ ތިމާގެ ވަޒީފާގެ ދާއިރާއިން ކުރިއަރަން ލިބޭ ފުރުސަތުތަކަށް އާނ އެކޭ ބުނެގެންކަން. ތިމަންނާއަށް މިކަމެއް ނުވާނޭ ބުނުމުގެ ބަދަލުގައި ވާނޭ ބުނެގެން. ކަމެއް ކާމިޔާބު ކުރުމަށް ތިމާ ކަނޑައަޅާ ލަނޑުދަނޑިއެއް ހާސިލްކުރުމުގެ ގާބިލްކަން ތިމާގެ ކިބައިގައި ހުރިކަމުގެ މައްޗަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަގީންކަން. މިއީ ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް، ކުރިއަށް ދިޔުމަށްޓަކައިތިމާގެ ވިސްނުން ފައްތަންޖެހޭ އޮނިގަނޑެއް،" ފަހުރުވެރި އެތައް ކާމިޔާބެއް ހާސިލުކުރައްވާފައިވާ މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަގީގީ ސިފައިންގެ މީހާ ހަތިޔާރު ނަގަނީ އޭނާ އެ ބިމަކަށް އަލަތު ނޭވާލި އުފަން ފަސްގަނޑާއި އެފަސްގަނޑުގައި ދިރިއުޅޭ އޭނާގެ މައިންބަފައިންނާއި އާއިލާ އާއި ރަހްމަތްތެރިންނާއި އަވަށްޓެރިންނާއި އެމީހުން ފަދައިން ދިވެހި ލޭ ހިނގާ މުސްލިމުންގެ ހައްގުގައި ކަމަަަށެވެ.

އަދި ވިދާޅުވީ ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ހާސިލްކުރެވޭނީ ހަމައެކަނި އޭނާގެ ހިތްވަރާއި ފަންވަރާއި މަސައްކަތުން ނަތީޖާ ނެރެގެން ކަމަަށް ހުރިހާ ވަގުތެއްގައިވެސް، ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހްތިރާމް ހާސިލްކޮށްފައިވާ ގާބިލް ސިފަވަންތަ އަހްލާގެއްގެ މަތީގައި ތިބޭ ޕްރޮފެޝަނަލް އަދި "ފައިޓިން ފިޓް ފޯސް" އެއްގެ ގޮތުގައި ތިބުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރާއްޖެވެސް މުޅި ދުނިޔެއަށް ދިމާވެފައިވާ ކޯވިޑް19ގެ ބަލިމަޑުކަމާއި އެބަލިމަޑުކަމާ ގުޅިފައިވާ ގޮންޖެހުންތަކާ ވެސް ކުރިމަތިލަމުންދާއިރު މި ދަތި އުނދަގޫ ވަގުތުގައި ވެސް މުޅި އާއިލާއާއި ގާތް ރަހުމަތްތެރިންނާ ދުރުގައި ބަލި މަޑުކަމުން އަރައި ގަތުމަށް އެންމެ އިސް ސަފުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއްބަޔަކީ ދިވެހި ސިފައިންކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

"ދިވެހި އަސްކަރިއްޔާގެ ކޮންމެ ޔުނިޓަކަށް ބެލިކަމުގައި ވިޔަސް ޒުވާން ސިފައިން މިއަދު ސާބިތުވެ އެ ތިބީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އެހީވާން ތައްޔާރުގައި. އެކި ރޮނގުރޮނގުން ގައުމަށް ރީތިނަމާއި ޝަރަފު ހޯދަން. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކޮނޑުއަޅަން. ހުރިހާ ސިފައިންނަށް މިއަދު އަޅުގަނޑު މިގޮވާލަނީ ތިޔަކުދިންނަކީ ސާބިތުކަމާއި ހިތްވަރާއެކުގައި ގައުމީ ދިފާއުގައި ގައުމީ ހިދުމަތުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށޭ. ތިޔަކުދިންނަކީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރާ ބަޔަކުކަމުގައިވާށޭ. ތިޔަކުދިންނަކީ، ތިޔަކުދިންގެ އަހުލާގު މަތީފެންވަރެއްގައި ބަހައްޓާ އޭގެ ސަބަބުން ތިޔަކުދިންނަށާއި ތިޔަކުދިންގެ ޢާއިލާތަކަށް އަދި ދިވެހި ޤައުމަށް ރީތި ނަމެއް ލިބޭފަދަ ބަޔަކަށްވާށޭ،" ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.