ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޓްރީޓޮޕް އަދި ފިޔަވަތިން ދެ މީހަކު ޕޮޒިޓިވްވެއްޖެ

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ މުވައްޒިފަކާއި ފިޔަވަތީގައި ކުޑަކުދިން ބަލަހައްޓަމުންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލްގެ މުވައްޒިފެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާއި ގުޅިގެން މިހާތަނަށް ނުވަ މުވައްޒިފަކު ވަނީ އެކަހެރިކޮށްފައެވެ.

ޓްރީޓޮޕަކީ ކުރިން ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރި ހޮސްޕިޓަލެކެވެ. ނަމަވެސް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލް ވަނީ އާންމު ހާލަތަށް ގެނެސް ކުރިން ދެމުންދިޔަ ގޮތަށް ހިދުމަތްދޭން ފަށާފައެވެ.

ނަޒްލާ ވިދާޅުވީ އެ ކޭސްއާއި ގުޅިގެން ބަލި މީހަކަށް ނުރައްކަލެއް އޮތްކަން މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި މަސައްކަތް ކުރާ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާއަކީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ ބަލި މީހެއްގެ އާއިލީ މީހެކެވެ. އެެހެން ކަމުން އެއީ އައިޖީއެމްހޮސްޕިޓަލްގެ ކޭސްއާ ގުޅުންހުރި މީހެއް ކަމަށް ބެލެވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ފިޔަވަތީގެ 11 މުވައްޒިފުން އަދި 21 ކުއްޖަކު ވަނީ ކަރަންޓީން ކޮށްފައެވެ. އެއީ އުމުރުން ހަ އަހަރާއި 11 އަހަރުގެ ކުދިންނެވެ. ނަޒްލާ ވިދާޅުވީ އެ މުވައްޒިފުންނާއި ކުދިން މިވަގުތު ކަރަންޓީން ކޮށްފައިވަނީ ފިޔަވަތީގައި ކަމަށެވެ.