ކުޅިވަރު

ވިޔަރެއާލް ބަލިކޮށް ބާސާ އުންމީދު ދަމަހައްޓައިފި

އެފްސީ ބާސެލޯނާގެ ފަރާތުން އަވޭ މެޗެއްގައި މި ސީޒަންގައި ފެނުނު މޮޅު ކުޅުމާއެކު ވިޔަރެއާލް ގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން މޮޅުވެ ވާދަވެރި ރެއާލް މެޑްރިޑާ ފަރަގު ކުޑަ ކޮށްފި އެވެ.

ވިޔަރެއާލް ބަލިވެ، ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދުމަށް އެ ޓީމުން ކުރާ މަސައްކަތަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. މި ވަގުތު އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ. ޖެހިޖެހިގެން ދެ މެޗުން އެއްވަރު ވުމަށް ފަހު ބާސާ ކުޅުނު މެޗަށް ނުކުތީ ޓީމަށް ބަދަލުތައް ގެނެސްގެންނެވެ.

އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި މެޗުގެ 90 މިނެޓް ހަމަވީއރުވެސް ބެންޗުގައި ހުރި އެންޓްއާން ގްރީޒްމަން އަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އާއެކު އެޓޭކުގައި ބައިވެރި ވެފަ އެވެ. އެންމެ ފަހުން މެޗުގައި މިޑްފީލްޑްގައި މޮޅު ކުޅުމެއް ދެއްކި ޒުވާން މިޑްފީލްޑާ ރިކީ ޕޫޗްގެ ބަދަލުގައި ފުރަތަމަ 11 ގައި ކުލެން ނުކުތީ ސާޖީ ރޮބާޓޯ އެވެ. ބަސާ އަށް މެޗުގެ ލީޑް ނަގައިދިނުމަށްޓަކައި ސާޖީ ރޮބާޓޯ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ބާސާގެ ފުރަތަމަ ގޯލަކީ ބިޔަރެއާލްގެ ޕައު ޓޯރޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 14 ވަނަ މިނެޓްގައި ޖެރާޑް މޮރޭނޯ ވަނީ ވިޔަ ރެއާލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ބާސާ އަށް އަލުން ލީޑް ނަގައިދިނީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީޒްމަން ވަނީ ބާސާ އަށް ލަނޑު ކާމިޔާބު ކޮށްދީ ނަތީޖާ 3-1 ށް ބަދަލު ކޮށްލާފަ އެވެ. އޭނާވެސް ލަނޑު ޖެހީ މެސީ ދިން ފުރުސަތަކުންނެވެ. ބާސާގެ ހަތަރު ވަނަ ލަނޑު ޒުވާން އަންސްމާން ފާޓީ ކާމިޔާބު ކުރީ 86 ވަނަ މިނެޓްގަ އެވެ.

ބާސާ އާ ރެއާލް މެޑްރިޑާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓެގެ ލީޑެވެ.