ހަބަރު

އެއް ކޮޓަރީގެ ހިޔާ ފްލެޓްތައް އަޅާފައެއް ނެތް: މިނިސްޓަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ފްލެޓުތަކުގައި، އެއް ކޮޓަރީގެ އެއްވެސް ފްލެޓެއް އަޅާފައި ނެތް ކަމަށް ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު ވިދާޅުވީ، އެއްކޮޓަރީގެ ފްލެޓު ކެޓަގަރީއެއް އިއުލާން ކުރި ކަމުގައި ވިޔަސް، ދެވަނަ ފިޔަވަހީގައި އެއްކޮޓަރީގެ އެއްވެސް ފްލެޓެއް އަޅާފައި ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކެޓަގަރީތަކަކަށް ފްލެޓްތައް ދޫކުރުމަށް ދޭން ހަމަޖެހިފައި އިއުލާން ކުރީ، ޑޮކްޓަރުންނާއި ނަރުހުންނަށް، ޓީޗަރުންނަށް، އެކަނިވެރި މައިންނާއި ބަފައިންނަށް، 18-40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް، މާލޭ ރަށްވެހިންނަށް، ދަފްތަރުގައި ރެޖިސްޓްރީކޮށްފައި ތިބި މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް ކެޓަގަރީއެއް ކަމަށެވެ. އަދި އެ ނޫން ކެޓަގަރީއެއް، އަދި އެކަމަށް ވަކި ޔުނިޓުތަކެއް އޭރުގެ ސަރުކާރުން ދެވަނަ ފިޔަވަހީގައި އަޅާފައި ނެތް ކަމަށެވެ. މިއީ އެއްރޫމްގެ ފްލެޓުތައް ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މި ކެޓަގަރީތައް އިއުލާންކޮށްފައި ހުރި ކަމުގައި ވިޔަސް އެ ކެޓަގަރީތަކަށް ފްލެޓެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންގޮސްފަ އެއް ނުވޭ. އެއީ، 18- އަހަރާއި 40 އަހަރާ ދެމެދުގެ އެއް ރޫމް، މާލޭ ރަށްވެހިންނަށް އެއް ރޫމް، ދަފްތަރު މީހުން އެއް ރޫމް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއް ރޫމް އަދި އަލަތު ކައިވެންޏަށް އެއް ރޫމް. އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފަ ނެތްކަން ވަރަށް ސާފުކޮށް ދަންނަވާލަން،" ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރީ މުޅިންވެސް ދެކޮޓަރީގެ ފްލެޓުތައް ކަމަށާއި މި ފްލެޓުތައް ދިނުމަށް ވެރިފައި ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި 6720 ފްލެޓް ވެރިފައި ކުރުމަށްފަހު ޖުލައި މަހުން ފަށައިގެން ކެޓަގަރީތައް ނިމެމުން ދާއިރު އިއުލާން ކުރަމުން ގެންދާނެ ކަމަށާއި އެހެންނަމަވެސް މުޅި އެކު ހުރިހާ ކެޓަގަރީތައް ވެރިފައި ކުރުމަށްފަހު އެއްކޮށް އިއުލާންކޮށް ނިމޭނީ، މި އަހަރު ސެޕްޓެމްބަރު ހިސާބުގައި ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.

"ރިޕޯޓުތަކުން ދައްކަނީ ޖުމްލަ ލިބިފައި އޮތީ 25،240 ފޯމު ކަމަށް. އޭގެ ތެރެއިން 21،000 އެޕްލިކޭޝަން ފޯމު ވަނީ އެކްސެސްކޮށް ނިމިފައި. ކޮވިޑާ ގުޅިގެން މަސައްކަތްތައް ލަސްވެ ފަސްޖެހިފައިވަނީ. 6720 ފްލެޓަށް އެލިޖިބަލްވާ ފަރާތްތަކުގެ ލިސްޓު އިއުލާންކޮށް ނިމޭނީ ސެޕްޓެމްބަރު ހިސާބުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ދެވަނަ ފިޔަވަހީގައި އަޅާފައިވެ އެވެ.