ހަބަރު

ގެދޮރު ބޮޑަށް ބޭނުންވާނީ މާލެއަށް، އިސްކަންދޭނަން: މިނިސްޓަރު

ގެދޮރުވެރިކަމަށް ބޮޑު ޑިމާންޑެއް އޮތީ މާލޭ ސަރަހައްދުގައި ކަމަށާއި އެހެންކަމުން މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނީ މާލެއަށް ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭގައި ދިރިއުޅެން ކަމުނުދާ ފަދަ ތަންތަނުގައި 21،000 މީހުން ދިރިއުޅެމުންދާ ކަމަށެވެ. އެހެންކަމުން އެއީ ވަގުތުން ވަގުތަށް މާލެއަށް ގެދޮރު ބޭނުންވެފައިވާ އަދަދެއް ކަމަށެވެ.

"އަޅުގަނޑުމެން ދިރިއުޅުމަށް ކަމުނުދާ މިންވަރެއް ކަމަށް މި ބެލެނީ 600 އަކަފޫޓަށްވުރެ ކުޑަ ތަންކޮޅެއްގަ އާއިލާއެއް ދިރިއުޅެން ޖެހިފައިވާނަމަ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ޓާގެޓަކީ އެ 21،000 އާއިލާއަށް ގެދޮރު ފޯރުކޮށްދިނުން ކަމަށާއި އެއީ ކުރިން ފަށާފައިވާ މަޝްރޫއުއަކުން ނުވަތަ އަލަށް ފަށާ މަޝްރޫއަކުން ކަމަށް ވެސް ދެވާނެ ކަމަށެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް މާލެއަށް މީހުން ހިޖުރަ ކުރާނެތީ މާލޭގައި ގެދޮރުވެރިކަން ބޭނުންވާ މިންވަރު އިތުރުވަމުންދާނެ ކަމަށެވެ.

"ބާރުލާފައި ފޯކަސްކޮށްގެން އަޅުގަނޑުމެން ހައިސިން މަސައްކަތްތައް މިހާރު ހަމަ ގައިމު ވެސް ކުރިއަށް ގެންދާނީ މާލޭ ސަރަހައްދަށް، މާލޭ ސަރަހައްދަށް ވަރަށް ތަފާތު ބޮޑުކޮށް ނީޑް އޮތީ، ނީޑް އެބަ އޮތް އަތޮޅު ތެރޭގައި ވެސް އަދި މާލޭގައި ވެސް އެހެންނަމަވެސް ވަރަށް ތަފާތު ބޮޑުކޮށް މާލޭގައި ނީޑް އޮތީ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އެހެންނަމަވެސް އަތޮޅުތަކުގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށާއިި ގެދޮރުގެ ދަތި ކަމަށް ހައްލުތައް ހޯދައިދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ 14 ރަށަކުން ގޯތި ދޫކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށާއި އެ ހުއްދަ ލޭންޑްޔޫސް ޕްލޭންއާ އެއްގޮތަށް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

އެ 14 ރަށަކީ ހަނިމާދޫ، ކެނދިކުޅުދޫ، ދަނބިދޫ، ކަނޑިތީމް، ވެލިދޫ، މަޑިފުށި، ބާރަށް، ބިލެއްފަހި، މާމިނގިލި، ދަރަނބޫދޫ، މާމެންދޫ، އިހަވަންދޫ، ވަންދޫ، އިންނަމާދޫ އަދި ކަނޑޫދޫ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ގޯތި ދިނުން ހުއްޓުވައިގެން ރަށްރަށުގެ މީހުން ގޯތި ބޭނުންވާއިރު ހުއްޓުވައިގެން ތިބުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލޭގައި މިދިޔަ ސަރުކާރުން ވަނީ 7،000 ފްލެޓް ގާއިމްކޮށްފަ އެވެ. އަދި މިހާރު މި ސަރުކާރުން ވެސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ފެށުމަށް ބިންގާ އަޅާފަ އެވެ. އަދި ގުޅިފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓް ބިމުގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމާފަ އެވެ. މާލޭގައި ފްލެޓްތައް އެޅުމުގެ ވިސްނުން ގެންގުޅޭއިރު ސަރުކާރުގެ ޕްލޭން އޮތީ ރަށްރަށުން ގޯތި ދޫކުރުމަށެވެ.