ކުޅިވަރު

މަޓިޗް ތިން އަހަރަށް ޔުނެއިޓެޑްގައި މަޑުކޮށްފި

އިތުރު ތިން އަހަރަށް މެންޗެސްޓާ ޔުނައިޓެޑްގައި މަޑުކުރަން ނިންމައި، ނެމެންޔާ މަޓިޗް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފި އެވެ.

ޔުނެއިޓެޑުން މިއަދު އިއުލާން ކުރީ ސާބިއާގެ މިޑްފީލްޑާ ޖޫން 2023 ގެ ނިޔަލަށް މަޑުކުރާނެ ކަމަށެވެ، މަޓިޗް، 31 ޔުނައިޓެޑަށް ބަދަލުވީ 2017 ވަނަ އަހަރު ޗެލްސީ ންނެވެ. ޔުނައިޓެޑަށް އޭރު ކޯޗް ކޮށްދިން ހޯޒޭ މޮރީނިއޯގެ ޕްލޭންގައި ހިމެނިގެން ޔުނައުޓެޑަށް ގެނައި މަޓިޗް ވަނީ ޔުނައިޓެޑަށް ބަދަލުވެ 114 މެޗު ކުޅެފަ އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ތިން މަސް ދުވަހަށް ފުޓްބޯޅަ މެދުކަނޑާލުމަށް ފަހު، މިދިޔަ މަހު އަލުން ފެށިއިރު މަޓިޗް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ހާއްސަކޮށް ޔުނައިޓެޑުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ޓްރެކުގައި މަޓިޗް ވަނީ ޕޯލް ޕޮގްބާ އާއި ބްރޫނޯ ފެނާންޑޭޒް އާއެކު މިޑްފީލްޑްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ކޮންޓްރެކްޓް އާ ކުރުމަށް ފަހު ޔުނައިޓެޑްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި މަޓިޗް ބުނީ ޔުނައިޓެޑްގެ ޕްރޮޖެކްޓްގައި ހިމެނުމުގެ ފުރުސަތު އޭނާ ލިބި ކުލަބުގައި އިތުރަށް މަޑުކަރަން ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށެވެ.

ޔުނައިޓެޑް ވަނީ ބަލި ނުވެ 16 މެޗު ފުރިހަމަ ކޮށްފަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުން ދެއްކި ކުޅުމުން އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ އަށް ވަނީ ސަޕޯޓަރުންގެ ފަރާތުން ތައުރީފް އޮހެން ފަށާފަ އެވެ.

ގަދަ ހަތަރެއްގެ ތެރެއަށް ޔުނައިޓެޑް ވަންނަން މަސައްކަތް ކުރާއިރު އެ ޓީމަށް ކުރިއަށް އޮތީ، އެސްޓަން ވިލާ، ސައުތުހެމްޓަން އަދި ކްރިސްޓަލް ޕެލަސްގެ މެޗެވެ. ލީގްގައިި އެ ޓީމު ކުޅޭ އެންމެ ފަހު މެޗުގައި ނުކުންނާނީ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާ ދެކޮޅަށެވެ. އެ މެޗުން، ޔުނައިޓެޑް ހަތަރަކަށް ވަނުމާ ނުވަނުން ކަށަވަރު ވެގެންދާނެ އެވެ.