އަލުން އެނބުރި ކޯޗް ކަމަށް ނުކުންނަށް ތައްޔާރު ވެގެން ހުރި ކަމަށް ޔުވެންޓަސްގެ ކުރީގެ ކޯޗް މެކްސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.
ހަ ފަހަރު ސޭރި އޭ ޗެމްޕިއަންކަން ހޯދި ކޯޗް އެ ކުލުގެ މަގާމުން ވަކީވީ މިދިޔަ އަހަރު ޖޫން މަހު އެވެ. އެލެގްރީ ބުނީ ޔުވެންޓަސްގެ މަސައްކަތަށް ފަހު ބޭނުންވާ ވަރަށް އަރާމު ކުރަން އެކަށީގެންވާ ވަގުތެއް ހޭދަ ކުރެވިއްޖެ ކަމަށާއި މިހާރު ކުލަބަކާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ.
"މުހިންމެއް ނޫން ކޮންތާކަށް ނިސްބަތްވާ ކުލަބެއްތޯ ބެލުމެއް،" ސްޕެއިންގެ މާކާ އަށް ދިން އިންޓަވިއުގައި އެލެގްރީ ބުންޏެވެ.
"އަހަރެން ބަލަނީ ޕްރޮޖެކްޓެއް ހިއްސާ ކުރަން އޮތް ކުލަބެއް އަދި ވާދަ ކޮށް ކާމިޔާބު ހޯދުމުގެ އަޒުމު އޮތް ކުލަބެއް."
ލަލީގާއިން ފުރުސަތު ލިބިއްޖެނަމަ ގަބޫލު ކުރާނަންތޯ އެހެމުން އެލެގްރީ ބުނީ ރަނގަޅަށް ވިސްނާ އެއްވެސް މިހަކު ލަލީގާގެ ހުށަހެޅުމަށް ނޫނޭކޭ ނުބުނާނެ ކަމަށެވެ.
އެލެގްރީ ވަނީ ޔުވެންޓަސް އާއެކު ފަސް ފަހަރު ލީގް ޗެމްޕިއަންކަން ހޯދާފަ އެވެ. އެލެގްރީ ބުނީ ޔުވެންޓަސްގެ ޕްރޮޖެކްޓް ބިނާ ކޮށްފައި ވަނީ ކާމިޔާބު ހޯދުމުގެ މައްޗަށް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް އެ ޓީމު ސޭރީ އޭ ގައި ޑޮމިނޭޓް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާގެ ކުރީގެ ކުލަބު މިލާން އަށް ލީގަށް ވާދަކުރެވޭނީ ގިނަ ކަންކަމެއް ބަދަލު ކޮށްގެން ކަމަށް ލީގް ޗެމްޕިއަންކަން މިލާން އާއެކު 2010-11 ގައި ހޯދި ކޯޗް ބުންޏެވެ.
"އަހަންނަށް ހީވަނީ ވަރުގަދައަށް ވާދަ ކުރުމަށް އަދިވެސް މިލާން އަށް ކޮންމެވެސް ކަންތައްތަކެއް އެބަ މަދުވޭހެން، އެލެގްރީ ފާހަގަ ކުރި އެވެ. "އެ ޓީމަށް އެބަ ބޭނުންވޭ ވަރުގަދަ އަދި ދެމެހެއްޓެނިވި ޕްރޮޖެކްޓެއް، ކޮންމެ އަހަރަކު ސްކޮޑަށް ބަދަލު ގެނެސްގެން ސްކޮޑު ޑިވްލަޕް ކުރަން އުނދަގޫ ވާނެ."
ޑޮމެސްޓިކް ޑޮމިނޭޝަން ދެމެހެއްޓިއަސް ޗެމްޕިއަންސް ލިގްގައި ޔުވެންޓަސް އަށް ކާމިޔާބު ހޯދިފައި ނުވާ ކަމަށް ފާހަގަ ކުރުމުން އެލެގްރީ ވަނީ އެކަން އޭނާ ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ފަސް އަހަރު ތެރޭ ދެ ފަހަރަށް ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ޔުވެންޓަސް ވާދަ ކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ، ދެ އަހަރު ކުރިން ރެއާލް މެޑްރިޑްގެ ކޯޗަކަށް ވުމަށް އެ ކުލަބުން އޭނާއަށް ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް އޭނާ ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރުމުން ރެއާލްގެ ހުށަހެޅުމާ މެދު ވިސްނުން ގެންގުޅެފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.