ކުޅިވަރު

ބާސާއަށް ދެވޭގޮތަށް ޒަވީގެ ކޮންޓްރެކްޓް އާކޮށްފި

ގަތަރުގެ އަލް ސައާދުގެ ކޯޗް ކަމުގައި ހުރި ޒަވީ ހެނާންޑޭޒްއަށް އޭނާގެ ކުރީގެ ކުލަބު އެފްސީ ބާސެލޯނާގެ ކޯޗް ކަމަށް ދާން ފުރުސަތު ލިބޭނެހެން އަލް ސައާދުގެ ކޮންޓްރެކްޓް ޒަވީ އާ ކޮށްފި އެވެ.

ގަތަރުގެ 2020-21 ގައި ސީޒަންގައިވެސް މަސައްކަތް ކުރުމަށް ޒަވީ އަލް ސައާދާ އެކު ސޮއި ކުރި އެއްބަސްވުމުގައި ވަނީ ރީލޫޒް ކްލޯޒް ހިމަނާފަ އެވެ. އެއީ ކޮންޓްރެކްޓް ހަމަނުވަނީސް އެހެން ކުލަބަކުން އޭނާ ގެންދަން ބޭނުންވެއްޖެނަމަ އަލް ސައާދަށް ފީއެއް ދެއްކުމަށް ފަހު ޒަވީ ގެންދިއުމުގެ ހައްގު އެ ޓީމަކަށް ލިބޭ ގޮތަށެވެ.

ގަތަރުގެ ސްޓާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗް ކަމާ ޒަވީ ހަވާލުވީ މިދިޔަ އަހަރު ޖުލައި މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ތިން އަހަރު ވަންދެން އެ ޓީމަށް ކުޅެފަ އެވެ.

ޖަނަވަރީ މަހު ބާސާގެ ކޯޗް ކަމުން އެރުނަސްޓޭ ވަލްވެރުޑޭ ވަކި ކުރުމަށް ފަހު ބާސާއިން ވަނީ ޒަވީ ކޯޗަކަށް ގެންނަން އޭރު މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ބާސާގެ ހުށަހެޅުން އޭނާ ގަބޫލު ނުކުރީ އެވަގުތު އެ ޓީމާ ހަވާލުވުން ރަނގަޅު ނޫން ކަމަށް ނިންމުމަށް ފަހު އެވެ.

އޭގެ ފަހުން ވެސް އޭނާ ބުނެފައި ވަނީ ބާސާއަށް ކޯޗް ކޮށްދިނުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ. އަދި އޭނާ ބުނީ ބާސާ އަށް ދާނީ ކޯޗެއްގެ ގޮތުގައި ހުރިހާ ބާރެއް އޭނާ އަށް ދޭނަމަ ކަމަށެވެ. އަދ އެކަން ބާސާއަށްވެސް ކުރިން އަންގާފައި ވާނެ ކަމަށް ޒަވީ ބުންޏެވެ.

""އެކަމަކު އަހަރެން ވާނީ އެމީހުންނަށް [ބާސާ] ސާފް ކޮށްދީފައި އަހަރެން ދާނީ ސުމަކުން ފަށާ ޕްރޮޖެކްޓަކުން އަދި ހުރިހާ ނިންމުމެއް ނިންމުމުގެ ބާރު އަހަންނަށް ދޭން ވާނެ." ޒަވީ ކުރިން ބުނެފައި ވެއެވެ.

ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ކުރީގެ މިޑްފީލްޑަރު ބުނީ ސައާދުގެ ކޮންޓްރެކްޓް އާ ކުރެވުމުން ހިތްހަމަޖެހޭ ކަމަށެވެ. ކުރިއަށް އޮތް ސީޒަންގައި މެނޭޖުމެންޓާއެކު ވަރަށް ގާތުން އޭނާ މަސައްކަތް ކުރާނެ ކަމަށް ޒަވީ ބުންޏެވެ. އެއީ ޓީމު ކުރިމަގަށް ބިނާ ކުރުމުގެ ޕްރޮޖެކްޓަށެވެ.