އާއިލާއަށް ޓަކައި ފިއޮރެންޓީނާ ދޫކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ފޯވަޑް ފްރޭންކް ރިބެރީ ދީފި އެވެ.
އިއްޔެ ޕާމާގެ މައްޗަށް 2-1 އިން މޮޅުވުމުގައި ފިއޮރެންޓީނާ އެހީވެދީފަ އެވެ. އެ މެޗުގެ ދެ ވަނަ ހާފުގައި އޭނާގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގައި ބަދަލު ކުރަން ޖެހުނެވެ. ޓީމު ދޫކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ރިބެރީ ދީފައި ވަނީ އެ މެޗު ނިންމާފައި ގެއަށް ދިޔައިރު އޭނާގެ ގެއިން ވައްކަން ކޮށްފައި ހުރުމުންނެވެ.
"މިޔުނިކުގައި އުފާވެރި ގިނަ އަހަރުތަކެއް ހޭދަ ކުރުމަށް ފަހު އަހަރެން ނިންމީ އަހަރެންގެ ކެރިއާ އިޓަލީގައި ހޭދަ ކުރަން،" ސޯޝަލް މީޑިއާގައި ރިބެރީ ލިޔެފައި ވެއެވެ. "އިޓަލީގައި އަހަރެން ގެއަށް ދިޔައިރު ފެނުނީ މިމަންޒަރު، އަހަރެންގެ އަންހެނުންގެ އަތް ދަބަހާއި ބައެއް ގަހަނާވެސް ވަނީ ގެއްލިފައި، ނަމަވެސް އެއިއެއްވެސް އެއްޗަކީ މާ މުހިންމު އެއްޗެއް ނޫން."
އޭނާ ބުނީ ނަސީބު ރަނގަޅު ކަމުން އޭނާގެ އަންހެނުންނާއި ކުދިން ސަލާމަތުން ތިބީ މިޔުނިކުގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ދިމާވީ ގޮތުން އިތުބާރު ކުރަން އުނދަގޫ ކަމަށް ފްރާންސްގެ ކުރީގެ ފޯވަޑް ބުންޏެވެ.
"މިތާނަގައި ކިހިނެތް އަހަރެމެންނަށް ހިތްހަމަ ޖެހެވޭނީ މިދިމާވި ކަންކަމުން، އަހަރެން މިއުޅެނީ މިލިއަނުން ފައިސާ ހޯދާކަށް ނޫން، ފައިސާގެ ފަހަތަކުން އަހަރެން ނުދުވަން، ހެއްދެވި ފަރާތަށް އަހަރެން ޝުކުރު ކުރަން އަހަންނަށް ހުރިހާ އެއްޗެއްވެސް ލިބޭ، އަހަރެން ދުވަނީ ބޯޅަ ފަހަތުން އެއީ އަހަރެންގެ ޕެޝަން ކަމަށް ވާތީ،" ރިބެރީ ލިޔެފައި ވެއެވެ.
"އެހެންނަނަވެސް އާއިލާއަށް ވުރެ ޕެޝަން ބޮޑެއް ނުވާނެ، ޕެޝަންގެ ކުރިއަށް އަންނާނީ އާއިލާ، އަހަރެމެންގެ އާއިލާގެ ރައްކާތެރި ކަމަށްޓަކައި ނިންމަން ޖެހޭ ނިންމުމެއް އަހަރެން ނިންމާނަން."