އިދިކޮޅު ފަރާތްތައް

"ފެއިލްވެއްޖެ" ނަމުގައި އިދިކޮޅުން ޖަލްސާއެއް

ޕްރޮގްރެސިވް ކޯލިޝަނުން "ފެއިލްވެއްޖެ" މި ނަމުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާ އެކަން އިއުލާނުކޮށްފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހަރަކާތްތައް މެދުކަނޑާލާފައި އޮތުމަށްފަހު އިދިކޮޅުގެ ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޕާޓީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިިކޮޅުގެ ޖަލްސާ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ. މި ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ޖަލްސާ ކުރިއަށް ގެންދާނީ ސިއްހީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާ އެކަން އެޗްޕީއޭގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާއިރު އެ މައްސަލަތަކަށް އިންސާފު ހޯދާދިނުމުގައި ސަރުކާރު ފެެއިލްވެފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުން ބިކަހާލުގައި ޖެހިފައިވާއިރު އެ ރައްޔިތުންނަށް އެހީތެރިވުމުގައިވެސް ސަރުކާރު ފެެއިލްވެފައިވާ ކަމަށެވެ.

"ފެއިލްވެއްޖެ" މި ނަމުގައި ޖަލްސާ ބާއްވަނީ އެ ސަބަބުތަކާއި ގުޅިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ،

"ހުރިހާ ޓެކްސީ ޑްރައިވަރުން ޓެކްސީތައް ޕާކްކޮށް 17 ވަނަ ދުވަހުގެ ރޭ ޖަލްސާއަށް ވަޑައިގަންނަވާށޭ، އަދި ހުރިހާ މަސްވެރިންވެސް އެރޭ ޖަލްސާއަށް ވަޑައިގެން ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން،"

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މި ސަރުކާރުން ދެމުންދާ އަނިޔާތައް ހައްދުން ނައްޓާފައިވާ ކަމަށާއި އެ މަންޒަރު ބަލަން އިދިކޮޅުން މަޑުން ނުތިބޭނެ ކަމުގެ އިންޒާރުވެސް އިދިކޮޅުން އިއްޔެ ވަނީ ދީފައެވެ.

އިދިކޮޅު ލީޑުކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުން ކުރަމުންދާ އަނިޔާގެ ހިތި ރަހަ އެ ބޭފުޅުންގެ އަރުގައި ލައިފި ކަމަށާއި ދެން މަޑުން ނުތިބޭނެ ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ ހައްގުތައް ހޯދާ، ރައީސް ޔާމީނަށް އިންސާފު ހޯދުމަށް މަގުމައްޗަށް ނިކުންނާނެ ކަމުގެ އިންޒާރުވެސް އަބްދުއްރަހީމް ވަނީ ދެއްވާފަ އެވެ.

"އަޅުގަނޑުމެން ދެން މަޑަކުން ނުތިބޭނަން. މަގުމައްޗަށްވެސް ނިކުންނާނަން. ގޭގޭ ދޮށައްވެސްދާނަން. ވަގަށްވެސް ގޮވާނަން. އަނިޔާވެރި ސަރުކާރޭވެސް ގޮވާނަން. އިބްރާހިމް މުހައްމަދު ސޯލިހަކީ މި ގައުމު ދުށް އެންމެ ބޮޑު އަނިޔާވެރިޔާ،"