ކުޅިވަރު

ޗެމްޕިއަންސް ލީގަށް ދެވޭނެކަން ޔަގީން: ރޮޖާސް

އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ޖާގަ ލެސްޓާ ސިޓީއަށް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗް ބްރެންޑެން ރޮޖާސް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދި ލެސްޓާ އޮތީ ލީގްގެ ތިން ވަނައިގަ އެވެ. އެ ޓީމަށް ތިން ވަނަ ލިބެނީ ހަތަރު ވަނައިގައި އޮތް ޗެލްސީގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ލިބިފައި އޮތުމުންނެވެ.

ޗެމްޕިއަންސް ލީގްގެ ޖާގަ ޔަގީން ކުރުމަށް ލެސްޓާ އާއި ޗެލްސީން މަސައްކަތް ކުރާއިރު އެ ދެ ޓީމުގެ ފަހަތުގައި މެންޗެސްޓާ ޔުނައިޓެޑް ވިއްދާފައި އޮތުމުން ގަދަ ހަތަރެއްގެ ވާދަވެރިކަން ވަނީ ބޮޑު ވެފަ އެވެ.

"މިހާލަތުގައި އަހަރެމެން ޖެހޭނެ ވަރަށް ފޯކަސް ކޮށްގެން ތިބެން،" މިދިޔަ އަހަރު ފެބްރުއަރީ މަހު ލެސްޓާގެ ކޯޗް ކަމާ ހަވާލުވި ރޮޖާސް ބުންޏެވެ. "ސީޒަން ނިމޭއިރު އަހަރެމެން ބޭނުންވާ ޓާގެޓް ހާސިލު ކުރެވޭނެ ކަމުގެ އުންމީދު އަހަންނަށް އެބައޮތް."

މިދިޔަ ސީޒަންގައި ލެސްޓާ ނިންމާލީ ނުވަ ވަނައިގަ އެވެ. އެ ޓީމު ވަނީ 2016-17 ގެ ޗެމްޕިއަންސް ލީގްގައި ވާދަ ކޮށްފަ އެވެ. އެފަހަރު ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަަށް އެ ޓީމު ދަތުރު ކުރި އެވެ. ރޮޖާސް ބުނީ އަލުން ޔޫރަޕްގެ އެންމެ ބޮޑު ކުލަބު މުބާރާތުގައި ވާދަ ކުރުމުގެ ފެންވަރު ލެސްޓާގެ ކިބައިގައި އެބަހުރި ކަމަށެވެ.

"އެކަމަކާ އެއްވެސް ސުވާލެއް ނެތް ކުޅުނު 33 މެޗުގައިވެސް އަހަރެމެންގެ ކުޅުންތެރިން ވަނީ އެ ހުނަރު ދައްކާފަ،" އޭނާ ބުންޏެވެ. "ފަހަރެއްގައި ވެދާނެ ބައެއް ކުޅުންތެރިން މިވަގަުތު ނެތީ ކަމަށް، އެހެންނަމަވެސް މުޅި ސްކޮޑް އެއްކޮށް އަހަރެމެން މަސައްކަތް ކުރަނީ އެ އަމާޒު ހާސިލު ކުރުމަށް، އެންމެ ފަހު ކަށިގަނޑާ ހަމައަށްވެސް އަހަރެމެން ބުރަކޮށް މަސައްކަތް ކުރާނަން."

ލީގްގައި ލެސްޓާ ކުޅޭ އެންމެ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ގަދަ ހަތަރެއްގެ ރޭހަށް އެމެޗަކީ ފޯރިގަދަ ވެގެންދާނެ މެޗެކެވެ.