ދުނިޔެ

އިންޑިއާގެ ލޭބަރުން ކުވެއިތުން ދާން ޖެހިދާނެ ކަމުގެ ބިރު

Jul 7, 2020
3

ކުވެއިތު ސިޓީ (ޖުލައި 6) - ކުވެއިތުގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ އާބާދީ 40 ޕަސެންޓުން މަދުކުރަން ފަރުމާ ކޮށްފައިވާ އާ ބިލު ގާނޫނަކަށް ވުމާއެކު، އެ ގައުމުގައި ވަޒީފާ އަދާ ކުރަމުންދާ 800،000 އެއްހާ އިންޑިއާގެ މަސައްކަތްތެރިން އަނބުރާ ގައުމަށް ދާންޖެހިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ކުވެއިތުގައި ގާތްގަނޑަކަށް 3.4 މިލިއަން ބިދޭސީން މަސައްކަތް ކުރާއިރު، އޭގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް ހިއްސާ ކުރަނީ އިންޑިއާ އިންނެވެ.

ކުވެއިތުގެ ޖުމްލަ އާބާދީ 4.8 މިލިއަންގައި ހުރި އިރު، އޭގެ ތެރޭގައި ކުވެއިތު ރައްޔިތުން ހިއްސާ ކުރަނީ އެންމެ 30 ޕަސެންޓެވެ.

އެ ބިލުގައިވާ ގޮތުން، ކުވެއިތުގައި އުޅޭ އިންޑިއާ މަސައްކަތްތެރިންގެ އާބާދީ 15 ޕަސަންޓަށް ދަށް ކުރާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ތެލުގެ އަގު ދަށްވެފައި ވާއިރު، އެހެން ދާއިރާތަކަށް އިގުތިސޯދު ފުޅާ ކުރަންޖެހޭ ކަމަށް ކުވެއިތުގެ ބޮޑުވަޒީރު ޝެއިހު ސަބާހް އަލް ހާލިދު އަލް ސަބާހް ވަނީ ވިދާޅުވެފަ އެވެ.

އެ ބިލު ގާނޫނަކަށް ވުމާއެކު، އިންޑިއާގެ އިތުރުން ދެން އެންމެ ބޮޑު އަސަރެއް ކުރާނީ ޕާކިސްތާނާއި، މިސްރު އަދި ފިލިޕީންސްގެ މަސައްކަތްތެރިންނަށެވެ.