ދުނިޔެ

އިންޑިއާ ތެލުގެ އަގާ ބެހޭ ގޮތުން ސައޫދީއާ މަޝްވަރާކޮށްފި

ހިފެއްޓުމެއް ނެތި ތެލުގެ އަގު އުފުލުމާ ބެހޭ ގޮތުން އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓަރު ހަރުދީޕް ސިންގް ޕޫރީ އާއި ސައޫދީ އެނާޖީ މިނިސްޓަރު، ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން އައްސައޫދުއާ މަޝްވަރާ ކުރައްވައިފި އެވެ.

މަޝްވަރާގައި އިންޑިއާގައި ތެލުގެ އަގު ބޮޑުވުން ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށާއި ތެލުގެ އަގު މާ ބޮޑަށް އުފުލެން ވެއްޖެ ނަމަ އިގުތިސޯދު ރޫޅިދާނެ ކަމަށް ޕެޓްރޯލިއަމް މިނިސްޓަރު ހަރުދީޕް ސިންގް، ޕްރިންސަށް ދެންނެވި އެވެ. ދެންނެވި އެވެ. ގައުމުތަކުން ތެލަށް ބަރޯސާކުރާ މިންވަރު ހިފެހެއްޓުމެއް ނެތި އިތުރުވަމުން އަންނައިރު ޖީބަށް ލުއި ގޮތްތަކެއް މުހިންމު ކަމަށް ވެސް ޕްރިންސް އަރިހުގައި ދެންނެވި އެވެ.

ޔޫއޭއީގެ މިނިސްޓަރު އޮފް އިންޑަސްޓްރީޒް އަދި އަބޫދާބީ ނެޝަނަލް އޮއިލް ކޮމްޕެނީގެ ސީއީއޯ، ސުލްތާން އަހްމަދު އައްޖާބިރުއާ ވެސް ހަރުދީޕް ޕޫރީ ސިންގް ވަނީ ބުދަދުވަހު ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ގަތަރުގެ އޮފިޝަލުންނާ ވެސް ތެލުގެ އަގުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މެދުއިރުމަތީ އަރަބި ގައުމުތަކުން ދެކޭ ގޮތުން އިންޑިއާއަކީ ވަރަށް މުހިންމު ގައުމެކެވެ. އަދި ހާއްސަކޮށް ކުވޭތުން ވެސް އިންޑިއާއާ މެދު ބަލަނީ ދޫކޮށްލެވެން ނެތް އެކުވެރިއެއް ގޮތުގަ އެވެ. އެހެންކަމުން ބެލެވެނީ އިންޑިއާއަށް ކަންބޮޑުވުމެއް އޮތަ ނަމަ ރަނގަޅު ގޮތެއް ހަދައިދޭނެ ކަމަށެވެ.

އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުން ކުރާ ގައުމެވެ. އިންޑިއާއަށް ބޭނުންވާ ވަރަށް ތެޔޮ ހޯދުމުގައި ފަހަކަށް އައިސް ދަތިތަކެއް އެ ގައުމަށް ވަނީ ކުރިމަތިވެފަ އެވެ. އުންމީދަކީ ގައުމުތަކާ ސިދާ ކުރެވޭ މަޝްވަރާތަކުން އިންޑިއާއަށް ލުއި ގޮތެއް ފެންނާނެ ކަމަށެވެ.