ދުނިޔެ

ކުވޭތުގެ ފިހާރަތަކުން އިންޑިއާ މުދާ ބޭރު ކުރަނީ

އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރި މައްސަލާގައި އިންޑިއާގައި އުފައްދާ ތަކެތި ކުވޭތުގެ ސްޕަމާކެޓްތަކުން ބޭރު ކުރަން ފަށައިފި އެވެ.

ދުނިޔޭގައި ނަގާކިޔާ ބޮޑު ގައުމެއްގައި ވެރިކަން ކުރަން ތިބި ބައެއްގެ މުޑުދާރުކަމާ ހެދި މުޅި މުސްލިމް އުންމަތް އޮތީ ފަކުރުގެންފަ އެވެ.

އިންޑިއާގެ ވެރިންގެ ހިތުގައި އިސްލާމް ދީނަށް އޮތް ނަފުރަތު ކުށްވެރިކޮށް އަރަބި-މުސްލިމް ގައުމުތަކުން ވަނީ ނުތަނަވަސްކަން ފާޅުކޮށް އިންޑިއާއަށް ސައިޒުވާން އަންގާފަ އެވެ.

ދުނިޔޭގެ ހައިސިއްޔަތަކީ ހަމައެކަނި އިންޑިއާއަށް އޮތް ހައިސިއްޔަތެއް ނޫނެވެ. އެކުގައި އުޅެން ބޭނުން ނަމަ އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރުމަކީ އިންޑިއާއަށް ވެސް އޮތް ވާޖިބެކެވެ.

ރަސޫލާ صلى الله عليه وسلم އަށް މުޑުދާރު ބަސްތަކުން އިންޑިއާގެ ވެރިން މުޚާތަބު ކުރި މައްސަލާގައި އިންޑިއާ ދެކެ އެންމެ ލޯބިވާ ގަލްފު ގައުމުތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށް އެ ގައުމުތަކުގައި ތިއްބަވާ އިންޑިއާ ސަފީރުން ހާޒިރުކޮށް ރަސޫލާ صلى الله عليه وسلم އަށް އިހާނެތިކޮށް ހިތުން ކުށްވެރިކުރާކަން ވަނީ އަންގާފަ އެވެ.

ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު އަދި ކުވޭތުން ވެސް ވަނީ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުން ފަދަ ދަށުދަރަޖައިގެ އަމަލުތައް ނުހިންގުމަށް އަންގާފަ އެވެ.

އަރަބި-އިސްލާމީ ގައުމުތަކުގެ ސަރުކާރުން އިންޑިއާއަށް މާބޮޑު ރުޅިވެރިވެރިކަމެއް ނުބޭއްވި ނަމަވެސް އެ ގައުމުތަކުގެ އާންމު ރައްޔިތުން ދުލެއް ނުކުރާނެ އެވެ. އިންޑިއާގެ ވެރިންނަށް ނަފުރަތުކޮށް އަދި ނަފުރަތު އުފައްދަން ބަސްބުނެ އަމަލުކުރާނެ އެވެ.

ކުވޭތުގެ ފިހާރަތަކުން އިންޑިއާ މުދާ ބޭރުކުރުމުގެ އިތުރުން ޑަސްބިންތަކުގައި މޯދީގެ ފޮޓޯ ކުރަހައި ވަނީ ފައިން އަރާފަ އެވެ.

އާންމު ރައްޔިތުން ރުޅިއަންނަ މިފަދަ އަމަލުތަކާ ދުރުވާން ޖެހެނީ އެނޫން ގޮތެއްގައި އިންޑިއާއަށް ވެސް ހަމަޖެހިލައިގެން ނޯވެވޭނެތީ އެވެ.

އިންޑިއާ އަކީ ނިއުކްލިއާ ބާރެއް ނަމަވެސް އިންޑިއާގައި ހިންގާ ކޮންމެ ހަމަނުޖެހުމެއް މަތަކުރަން އެފަދަ ބާރެއް ބޭނުމެއް ނުކުރެވޭނެ އެވެ.