ސައުދީ އަރަބިއްޔާގެ ބޯޑަރު ގަތަރަށް ހުޅުވާލަނީ އެވެ. ގަތަރަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ، އެއްގަމާއި ކަނޑު އަދި ވައިގެ ސަރަހައްދު ސައުދީން ބަންދު ކުރީ 2017 ވަނަ އަހަރު މެދާ ހިސާބުގަ އެވެ.
ޓެރަރިސްޓުންނަށް، އީރާނާއި އީރާންގެ ޕްރޮކްސީތަކަށް ގަތަރުން އެހީތެރިވާތީ، އެކަން އެގޮތަށް ނުކުރުމަށް އެދި ސައުދީންނާއި ބައިވެެރިން ގަތަރަށް ނަސޭހަތްތެރިވި އެވެ. އެހެން ނަމަވެސް، އެދެވޭ ނަތީޖާއެއް ފެނިފައި ނުވާތީ ގަތަރަަށް ދަތިކުރުމަށްޓަކައި ސައުދީން ބޯޑަރުތައް ބަންދުކުރީ އެވެ. ސައުދީއާއެކު މި އެއްބާރުލުމުގައި ދެން ބައިވެރިވި ގައުމުތަކަކީ ޔުނައިޓެޑް އަރަބަ އެމިރޭޓްސް އާއި މިސްރު އަދި ބަހްރޭން އެވެ. މި ލިސްޓްގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.
ގަތަރާ ގުޅުން ކަނޑާލުމުގެ ސަބަބުން، ޒަމާންތަކެއް ވަންދެން ގަލްފު ދައުލަތްތަކުގެ މެދުގައި އޮތް ލޯތްބާއި އަޅާލުމަށް ގުޑުން އަރައިގެން ދިއަ އެވެ. ހައްޖާއި އުމްރާ އަދި ކާބޯތަކެތި ހޯދުން ފަދަ ދިރިއުޅުމުގެ ފަސޭހަތަކަށާއި ޒަރޫރީ ބޭނުންތަކަށް ސައުދީއަށް ވަދެ އުޅުމަށް ގަތަރަށް އޮތް ފުރުސަތު ބަންދު ވުމުން ގަތަރުގެ ކިބައިން ފެނިގެން ދިޔައީ ނަފުރަތާއި ވާދަވެރި ކަމެވެ.
ގުދުރަތީ ގޭހާއި ތެލުން މުއްސަނދިކަން ލިބިފައިވާ ގަތަރަށް ދަތި ކުރުމުގެ ސަބަބުން އުނދަގޫތަކެއް ފުރަތަމަކޮޅު ތަހަންމަލު ކުރަން ޖެހުނު ނަމަވެސް، ޕެޗް އަޅާލުމުން ބޮޑުކަމަކަށް ނުވިއެވެ.
މި ފުރުސަތުގެ ބޭނުންހިފައި އީރާނާއި ތުރުކީން ގަތަރުގައި ތަތްކޮށްލީ ތުއްތު ކުއްޖަކު އުރާލައި ކިހިލިޖަހާލާ މިސާލުގަ އެވެ. ގަތަރު އެކަހެރިވިޔަ ނުދޭނަމޭ ބުނަމުންނެވެ. އީރާނާއި ތުރުކީން ސީދާ ފްލައިޓްތަކުގައި، ހުއްޓިނެތި ގަތަރަށް ކާބޯތަކެތި އެތެރެ ކުރަން ފެށި އެވެ.
އެމެރިކާ ވެސް އޮތީ މިކަހަލަ ފުރުސަތަށް އެދިއެދި އެވެ. ގަލްފު ގައުމުތަކުގެ މެދުގައި ހަތިޔާރުގެ ވާދަވެރިކަން އުފެއްދުމަށްޓަކައި ގަތަރާ ދިމާއަށް އެނބުރިގަތެވެ. އަދި އެމެރިކާއިން އުފައްދާހާ ހަތިޔާރެއް ގަތަރަށް ވިއްކުމަށްޓަކައި މަގުކޮޅުން ބޯ ދިއްކުރަން ފެށި އެވެ.
ސައުދީއާ ގަތަރާ ދެމެދު ގުޅުން ރަނގަޅު ކުރުމަށް ކުވޭތުން ބުރަ މަސައްކަތްތަކެއް ކުރި އެވެ. އެހެން ނަމަވެސް، އެއްގަލަކަށް ނޭރި ވަނީ ދިގު ލައިފަ އެވެ. ދެ ގައުމުގެ ގުޅުމަށް ހެޔޮ ބަދަލު އައިސް ބޯޑަރުތައް ހުޅުވާލާ ވާހަކަ ވެސް އެންމެ ފުރަތަމަ ހާމަކުރީ ކުވޭތުންނެވެ. އެހެން ނަމަވެސް، ގަތަރާއެކު އެއްބަސްވެވުނު ނުކުތާތަކަށް އަދި އަލިއަޅުވައެއް ނުލަ އެވެ.
ސައުދީގައި މިއަދު ފަށާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓަށް ގަތަރުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީ ވަޑައިގަންނަވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.