ދުނިޔެ

ގަލްފު ގައުމުތަކުން އީރާނާ މަޝްވަރާ ކުރަން ގަތަރުން ގޮވާލައިފި

ގަލްފު ގައުމުތަކުން އިރާނާ މަޝްވަރާކޮށް މުއާމަލާތް ކުރަން ގަތަރުން ގޮވާލައިފި އެވެ. އަދި ބުނީ މަޝްވަރާތަކަށް މެދުވެރިއަކަށް ވާން ވެސް ގަތަރު ތައްޔާރުވެ އޮތް ކަމަށެވެ.

ގަލްފު ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ ވެސް އީރާނާ މާބޮޑަށް ކައިރިވާ ކަމަށް ބުނެ އެވެ. ސައޫދީ އަރަބިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މިސްރުން ގަތަރާ އަލުން ގުޅުނީ ޖެނުއަރީ ފަހެއްގައި ސައޫދީގެ އަލް އުލާގައި އޮތް ޖީސީސީ ސަމިޓްގަ އެވެ. ގަތަރުން މިހާ އަވަހަށް އީރާނަށް ކަމޭ ހިތާކަން އާންމު ކުރުމަކީ ބެލެވޭ ގޮތުގައި ޖީސީސީ ގައުމުތަކުން އެހައި ހިތާވާނެ ކަމެއް ކަމަކަށް ނުފެނެ އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު، ޝެއިހު މުހައްމަދު ބިން އަބްދުއްރަހުމާން އަލް ތާނީ ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުންމީދަކީ މި ކަންވުން ކަމަށެވެ.

"މިއީ ވެދާނެ ކަމެއް ކަމަށް އަޅުގަނޑުމެން އަދިވެސް ގަބޫލު ކުރަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގަލްފު ގައުމުތަކުން އީރާނާ ގުޅުން ރަނގަޅު ކުރުމަކީ ހަމައެކަނި ގަތަރުން އެދިގެން އުޅޭ ކަމެއް ނޫން ކަމަށެވެ.

ގަތަރުން ދެއްކި ވާހަކައަށް އަދި އެހެން ގައުމަކުން ރައްދެއް ނުދެ އެވެ. ސައޫދީން ވެސް ވާހަކައެއް ނުދައްކަ އެވެ. ގަލްފު ސަމިޓްގައި ބައިވެރިވި ގައުމުތަކަށް ސައޫދީން ހަނދާން ކޮށްދީފައި ވަނީ "ގަލްފް ކޯޕަރޭޝަން ކައުންސިލް" ގައުމުތަކުން ގުޅިގެން ނޫން ގޮތަކަށް އީރާންގެ ކިބައިން ސަލާމަތް ނުވާނެ ކަމަށެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ މުޅި ސަރަހައްދަށް ބިރެއް ކަމަށެވެ.

ގަަތަރުން ބުނީ އިރާނާ ގުޅުން ބަދަހި ކުރަން އެދޭ ބަޔަކަށް ވާގިވެރިވުމުގައި ދެމި އޮންނާނެ ކަމަށާއި ވޮޝިންގްޓަނާއި އީރާނާ މަޝްވަރާ ކުރަން ވެސް ސަޕޯޓް ކުރާނެ ކަމަށެވެ. އަދި އީރާނާ ގުޅުން ބަދަހި ކުރަން އެދޭ ކޮންމެ ބަޔަކަށް ވެސް ގަތަރުން ފުރުސަތު ހޯދައިދޭނެ ކަމަށެވެ.