ދުނިޔެ

އިރާންގައި ހުންނަވާ ޗައިނާ ސަފީރު ހާރިޖީ އޮފީހަށް ހާޒިރުކޮށްފި

ޗައިނާ އިން އަރަބި ގައުމުތަކާ އެކުގައި މިމަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އިރާންގައި ހުންނަވާ ޗައިނާ ސަފީރު ޗެންގް ވާ، އިރާނުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި އެވެ. އެކަމަކު އިރާނުން ބުނީ ޗައިނާ ސަފީރު ހާޒިރުކުރީ ނޫން ކަމަށާއި އެއީ ސަފީރު ކުރެއްވި ޒިޔާރަތެއް ކަމަށެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އިރާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދު ހިޔާލުތަފާތުވެފައިވާ ސަރަހައްދީ އިންތަކުގެ މައްސަލައިގައި ޗައިނާ އިން ގެންދަނީ ޔޫއޭއީ އަށް އެއްބާރުލުން ދެމުން ކަމަށް އިރާނުން ގަބޫލުކުރެ އެވެ.

އިރާނުން އެއްބަސް ނުވި ނަމަވެސް ޗައިނާ ސަފީރު ހާޒިރުކުރީ ޝީގެ ދަތުރުފުޅުގައި ޔޫއޭއީ އަށް ފަހިވާ ގޮތަށް ބައެއް ކަންކަން ހިނގި ކަމަށް އިރާން ގަބޫލުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިރާނާއި އީޔޫ މައްސަލަ ޖެހިފައިވާ ތިން ރަށަކީ 1971 ވަނަ އަހަރުން ފެށިގެން އިރާނުގެ ބާރުގެ ދަށުގައި އޮތް ރަށްތަކެކެވެ. އޭގެކުރިން އެ ރަށްތަކަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް ރަށްތަކެކެވެ. ޔޫއޭއީ އިން ދެކޭ ގޮތުގައި އެ ރަށްތަކަކީ އިނގިރޭސީންގެ ބާރުގެ ދަށަށް ގެންދިއުމުގެ ކުރިން ޔޫއޭއީގެ ރަށްތަކެެކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިމަހުގެ ކުރީކޮޅު ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އަރަބި ގައުމުތަކާ އެކު ކުރިއަށް ގެންދެވި ބައްދަލުވުމަށްފަހު އިރާން ވަނީ ޗައިނާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

ޝީގެ ސައުދީ ދަތުރުފުޅުގައި ވަނީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ގައުމުތައް ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމަށްފަހު އަރަބި ގައުމުތަކާއި ޗައިނާ ގުޅިގެން ނެރުނު ބަޔާނުގައި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަށް ފުރިހަމަ އެއްބާރުލުން ދޭތޯ ޔަގީން ކުރުމާއި، ޔޫއޭއީ އާއި އިރާނާއި ދެމެދު އިން ކަނޑައެޅުމުގައި އޮތް ދެބަސްވުން ފަދަ އިރާނާ ގުޅޭ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.

ޗައިނާ އާއި އެކު މަޝްވަރާތަކުގައި ބައިވެރިވި ޖީސީސީގެ ބައެއް ގައުމުތަކަކީ ގައުމުތަކުން ވަކިވެ ގަތުމަށް މަސައްކަތް ކުރާ ގުރޫޕްތަކަށާއި، ޓެރަރިސްޓުންނަށާއި، ހަނގުރާމަވެރި ޖަމިއްޔާތަކަށް އެހީތެރިވެ އެއްބާރުލުން ދޭ ގައުމުތަކެއްގެ ގޮތުގައި އިރާނުން ސިފަކޮށްފައިވެ އެވެ.

ޗައިނާގެ ރައީސް ސައުދީ އަށް ވަޑައިގެން ޖީސީސީގެ އިސްވެރިންނާ ބައްދަލުކުރެއްވުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން އިރާންގެ ރައީސްގެ ޕޮލިޓިކަލް އެފެއާޒް ބަލަހައްޓަވާ މުހައްމަދު ޖަމްޝީދީ ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ އާއި ސައުދި އަރަބިއްޔާއިން ސީރިއާގައި ހަރަކާތްތެރިވި އައިއެސް އަދި އަލްގައިދާގެ ހަނގުރާމަވެރިންނަށް އެއްބާރުންދީ، އަސްކަރީ ހަމަލާތަކެއްގައި ޔަމަން ހަލާކުކޮށްލިއިރު ޓެރަރިސްޓުންނާއި ހަނގުރާމަކޮށް، ސަރަހައްދުގެ ސަލާމަތާއި ސުލްހަ ކަށަވަރުކޮށްދިނީ އިރާނުން ކަމަށް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ، ޖީސީސީގެ ގައުމުތަކުގެ ވެރިންނާ މިމަހު ބައްދަލުކުރެއްވިއިރު ޗައިނާ އިން ވަނީ އެއްބާރުލުން ދިނުމުގެ 25 އަހަރުގެ އެއްބަސްވުމެއްގައި މިއަހަރު ކުރީކޮޅު އިރާނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެކަމަކު މިއެއްބަސްވުމާއި އަދި އަދި އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް ގައުމަކުން މައުލޫމާތު ހާމައެއް ނުކުރެ އެވެ. އަދި އެއްބަސްވުމުގައިވާ ކަންކަން ކުރުމުގެ ގޮތުން އަމަލީ އެއްވެސް މަސައްކަތެއް އަދި ކުރެވިފައި ނެތް ކަމަށް އިރާނުގެ ހާރިޖީ މިނިސްޓަރު ހޮސެއިނީ އަމީރްއަބްދުﷲ ވިދާޅުވެފައިވެ އެވެ.