މެދުއިރުމަތީ އަރަބި ގައުމުތަކަށް ފްރާންސުން ޖެޓްފައިޓަރު ތަކާއި އަސްކަރީ އެހީތެރިކަން ފޯރުކޮށް ދެމުން ގެންދަނީ އަޑިނޭނގޭ ރޭވުމެއްގެ ދަށުން ކަމަށް އީރާނުން ބުނެފި އެވެ. އިރާނުން ބުނީ ފްރާންސުން އެ ކުރަން އުޅޭ ކަމަކާ މެދު ހޭލާ ތިބެން ޖެހޭ ކަމަށެވެ.
އީރާންގެ ވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެހެރާނަށް ފޮނުވި ސަފީރާ ބައްދަލު ކުރައްވައި، އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވީ ފްރާންސްގެ ހަރަކާތްތަކަށް ފާރަވެެރިވުން ބުއްދިވެރި ކަމަށެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި ފްރާންސް ކަހަލަ ދުނިޔޭގެ ތަރައްގީގައި ގާބިލު ގައުމަކުން ޒިންމާދާރުވާން ޖެހެ އެވެ. އެމީހުންގެ އަމާޒަކަށް ވާން ޖެހޭނީ އަސްކަރީ ހަތިޔާރުން މަންފާ ހޯދުން ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން މެދުއިރުމައްޗަށް ކުރެއްވި ދަތުރެއްގައި ޔޫއޭއީއަށް 80 ޖެޓްފައިޓަރު، 18.08 ބިލިއަން ޑޮލަރަށް ވިއްކަން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އަނެއްކޮޅުން ގަތަރާއި ސައޫދީއާއެކު ވެސް އަސްކަރީ އެއްބަސްވުން ތަކުގައި ވަނީ ސޮއި ކުރައްވާފަ އެވެ.
ސައޫދީ އަށާއި ޔޫއޭއިއަށް އެންމެ ގިނައިން ހަތިޔާރު ވިއްކަނީ ފްރާންސުންނެވެ. ޔަމަންގައި ގޭންގް ހަދައިގެން އުޅޭ ހޫތީ ހަނގުރާމަވެރިންނަށް ސައޫދީ ކޯލިޝަނުން ހަމަލާދެނީ މި ހަތިޔާރުންނެވެ.
ހޫތީންނަކީ މުޅި ދުނިޔެ ބުނާ ގޮތުގައި އިރާނުން ކޮންޓްރޯލްކުރާ ޖަމާއަތެކެވެ. ހޫތީންގެ މަސްލަހަތަކީ އީރާންގެ މަސްލަހަތެވެ. އީރާނުން ރުޅިއަރައި ގަނެގެން މިއުޅެނީ މެދުއިރުމަތީ ގައުމުތަކުން ބާރުގަދަ ހަތިޔާރު ހޯދައި ހޫތީންނަށް ހަމަލާ ދޭތީ އެވެ.
އީރާނަކީ މެދުއިރުމަތީ އަރަބި ގައުމުތަކަށް އަބަދު ވެސް ފާޑުކިޔާ ގައުމެކެވެ. އީރާން ރުހޭ ގޮތަށް މެދުއިރުމަތީގައި އެއްވެސް ކަމެއް ނުހިނގަ އެވެ. އެކަމަކު މެދުއިރުމަތީގެ މަސްލަހަތު އެންމެ ބޮޑަށް ނަގާލާ ގައުމަކީ އީރާންނެވެ.
ފަލަސްތީން އާއި ލުބްނާންގައި އީރާންގެ ނުފޫޒު ވަރަށް ގަދަ އެވެ. އީރާނުން ގެންދަނީ ޕްރޮކްސީ ބާރުތައް ބޭނުންހިފައި އީރާންގެ އެޖެންޑާ މުޅި ސަރަހައްދަން ފަތުރަން މަައްކަތް ކުރަމުންނެވެ.