ދުނިޔެ

ކުވޭތު ކަނބަލުން އަސްކަރިއްޔާއަށް

ކުވޭތު ކަނބަލުންނަށް އަސްކަރިއްޔާއިން ފުރުސަތު ހުޅުވާލައިފި އެވެ. ޑިފެންސް މިނިސްޓަރު ޝައިހް ހަމަދު ޖާބިރު އަލްއަލީ އަލްސަބާހް ވިދާޅުވި ގޮތުގައި ސިފައިންގެ ގޮފިތަކުގައި މަސައްކަތް ކުރާން އެދޭ ކަނބަލުން ރެޖިސްޓަރީ ކުރަން ފުރުސަތު އޮތީ ހުޅުވާލާފަ އެވެ.

އަސްކަރިއްޔާއިން ކަނބަލުންނަށް ފުރުސަތު ހުޅުވާލި ނަމަވެސް އަމަލީ މައިދާނުގައި ހަނގުރާމަތަކުގައި ކަނބަލުން މަސައްކަތެއް ނުކުރާނެ އެވެ. ކަނބަލުން މަސައްކަތް ކުރާނީ އަސްކަރީ ޑޮކްޓަރުންނަށް އެހީތެރިވެ ދިނުމަށާއި އަދި އާންމުކޮށް ސިފައިންނަށް ސިއްހީ އެހިތެރިކަން ފޯރު ކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިއީ ކުވޭތުގެ ތާރީހުގައި ވެސް ސިފައިންގެއިން ކަނބަލުންނަށް ފުރުސަތު ލިބޭ ފުރަތަމަ ފަހަރެވެ. ދިފާއީ ވަޒީރު ވިދާޅުވީ ސިފައިންގެ ތެރޭގައި ކަނބަލުން މަސައްކަތް ކުރަން ހާއްސަ ސަރަހައްދެއް އޮންނާނެ ކަމަށާއި ސިއްހީ ދާއިރާގެ އިތުރުން ކަނބަލުނަށް ހަވާލު ކުރެވޭނީ އީދާރީ މުއާމަލާތްތައް ހިންގައި ބެލެހެއްޓުން ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުން ސިފައިންގެ މަސައްކަތްތަކަށް ކޮންމެ މާނައެއްގައި ވެސް އެހީތެރި ވެދިނުން ބެލެވޭނީ ގައުމީ މަސައްކަތެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ކަނބަލުންގެ މަސައްކަތު މާހައުލުގައި ފުރައްސާރަ ކުރުމެއް ނޯންނާނެ ކަމަށެވެ. އެފަދަ އަމަލުތަކަށް ކުވޭތު ކެތެއް ނުކުރާނެ ކަމަށެވެ.

ސައޫދީ އަރަބިއާ އިން ވެސް ވަނީ ގައުމީ ހިދުމަތުގައި ކަނބަލުން ބައިވެރި ކޮށްފަ އެވެ. މުޅި ގައުމަށް ހިދުމަތް ކޮށްދެވޭ ގޮތަށް އޮތް ފުރުސަތުގައި ޝަރުތު ފުރިހަމަވާ ސައޫދީ ކޮންމެ ކަނބަލަކަށް ބައިވެރި ވެވެ އެވެ.

ގަތަރުގެ އަސްކަރިއްޔާގައި 2018 އިން ފެށިން ކަނބަލުން މަސައްކަތް ކުރެ އެވެ.