ދުނިޔެ

ގަލްފް ކައުންސިލް ސަމިޓް: ހުރިހާ ސަމާލުކަމެއް ގަތަރަށް

އަރަބި ގަލްފް ގައުމުތަކަށް މިއީ އާފެށުމެއް ނޫނެވެ. އެހެން ފެށުމެކެވެ. ގުޅުން ކެނޑުނު ހިސާބުން ދެކޮޅު ގެނެސް، ކޮނޑާކޮނޑު ޖައްސައި، ސައުދީ އަރަބިއްޔާގެ އަލްއޫލާގައި، "ގަލްފް ކޯޕަރޭޝަން ކައުންސިލް" (ޖީސީސީ) ލީޑަރުން ވަނީ އާ ސަފުހާއެއް ލިޔަން ފައްޓަވާފަ އެވެ. ގަލްފް ސަރަހައްދަށް ދެރަގޮތެއްވުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ "އަލްއޫލާ ޑިކްލަރޭޝަން" ގައި ވެސް ވަނީ ސޮއިކުރައްވާފަ އެވެ.

ސައުދީގައި މިހާރު ހިނގަމުންދާ ޖީސީސީ ސަމިޓުގައި އެންމެ ބޮޑު ޝުކުރެއް ރައްދުވީ ގަތަރަށެވެ. ސަލްމާން ރަސްގެފާން ގަތަރުގެ އަމީރު ޝެއިޚް ތަމީމް އަލް ސާނިއަށް ދެއްވި ދައުވަތު ގަބޫލުކުރައްވައި، ސަމިޓަށް ވަޑައިގެންނެވުމުންނެވެ.

ސައުދީއާ ބައިވެރިން ގަތަރާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތައް މުލިން އުވާލައިފި

ސަމިޓް ހުޅުވައިދެއްވަމުން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވީ ގަލްފުގެ އެއްބައިވަންތަކަމަށް ހިތްވަރުދެއްވި މުހިންމު ދެ ސަޚްސެއް މިއަހަރު ގެއްލިވަޑައިގެންފައިވާ ކަމަށެވެ. އެއީ އޮމާންގެ ސުލްތާން ގާބޫސް ބިން ސައީދު އާއި ކުވޭތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު ކަމަށެވެ. އެހެންކަމުން މިއަހަރުގެ ޖީސީސީ ސަމިޓް އެދެބޭފުޅުންނަށް ނިސްބަތްކުރައްވައި "ސުލްތާން ގާބޫސް އެންޑް ޝެއިޚް ސަބާހް ސަމިޓް" ގެ ނަމުން ނަންދިނުމަށް ސަލްމާން ރަސްގެފާން އިރުޝާދުދެއްވާ ކަމަށެވެ.

އަރަބި ގަލްފް ގައުމުތައް ހަރުދަނާކޮށް ގުޅުން ބަދަހިކުރުމަށް ކުވޭތުގެ ވެރިން އިސްވެ ކުރެއްވި މަސައްކަތްތަކަށް ވެސް މުހައްމަދު ބިން ސަލްމާން ޝުކުރުއަދާކުރެއްވި އެވެ.

ޖީސީސި ލީޑަރުން އެކުގައި

މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި ގައުމުތައް އެކުވެރިވުމަށް ވަނީ ވަރަށް ބޮޑަށް ބޭނުންޖެހިފަ އެވެ. އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ ހަރަކާތްތަކަކީ މުޅި ސަރަހައްދަށް ބިރެއް ކަމަށެވެ. އެ ގައުމުން ހިންގާ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ ހިނދުކޮޅަކަށް ވެސް ހަނދާންނައްތާލެވެން ނެތް ކަމެއް ކަމަށެވެ. ޕްރޮކްސީ ބޭނުންކޮށްގެން ގަލްފް ފޫވައްޓާލަން އީރާން ކުރާ މަސައްކަތްތަކުން ހިމާޔަތްވެވެން އޮތީ ވެސް އެއްބައިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީއާ ބައިވެރިން ގަތަރާ ގުޅުން ކަނޑާލުމުން ޒަމާންތަކެއް ވަންދެން ގަލްފު ދައުލަތްތަކުގެ މެދުގައި އޮތް ލޯތްބާއި އަޅާލުމަށް ލޮޅުން އަރައިގެން ދިއަ އެވެ. އެހެން ނަމަވެސް މި ސަމިޓް ފެށުމުގެ އެއްދުވަސްކުރިން ސައުދީން ވަނީ ބޯޑަރުތައް ހުޅުވާލައި ގަތަރަށް މަރުހަބާކިޔާފަ އެވެ. އަދި ގަތަރާ ގުޅުން ބަދަހިކުރަން ހުރިހާ ގައުމަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.