ދުނިޔެ

ގަތަރުގެ އަމީރާއި ހަމާސްގެ ލީޑަރު ހަނިއްޔާއާ ދޯހާގައި ބައްދަލު ކުރައްވައިފި

ގަތަރުގެ އަމީރު ޝެއިހު ތަމީމް ބިން ހަމަދު އަލް ސާނީ، ވެރިރަށް ދޯހާގައި ފަލަސްތީނުގެ ހަމާސްގެ ލީޑަރު، އިސްމާއީލް ހަނިއްޔާއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ އަމީރުގެ ރަސްމީ އޮފީހުގަ އެވެ.

ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި ވާހަކަފުޅު ބިނާ ކުރެއްވީ ބައިނަލްއަގްވާމީ މަސްރަހާއި ސަރަހައްދީ މަސްރަހަށެވެ. ފަލަސްތީނާ ގުޅިފައި ހުރި މައްސަލަތަކާއި ފަރުދީ މައްސަލަތަކަށް ވެސް އަލިއަޅުވާލެއްވި ކަމަށް، އަމީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.

މި ބައްދަލުވުމުގައި ހަނިއްޔާ ވަނީ ސައޫދީ އަރަބިއްޔާގެ އަލްއޫލާ ގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓްގައި ދެކެވުނު ވަހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރައްވައި އަމީރަށް ހެޔޮ އެދުން ދަންނަވާފަ އެވެ.

ފަލަސްތީނުގައި މިހާރު މަސްރަހު އޮތް ގޮތާ ބެހޭ ގޮތުން ވެސް އަމީރު ކަންކަން އޮޅުންފިލުއްވި އެވެ. އެއްބައިވަންތަ ކަމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުވެނު ކަމަށް އެ ބަޔާނުގައި ވެއެވެ.

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ، މިސްރު އަދި ބަހުރޭނުން ވަނީ ގަތަރާއެކު ޑީލެއް ހަދައި އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެއީ މި ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައި އޮތް ދަތި ކުރުން ނައްތާލުމާ ބެހޭ ގޮތުންނެވެ. މި އެއްބަސްވުމުގެ މާއްދާތައް އަދި މުޅިން އާންމެއް ނުވެ އެވެ.

ޖީސީސީ ސަމިޓާ ގުޅިން އިސްމާއިލް ހަނިއްޔާ ވަނީ ސައުދީ ރަސްގެފާނަށް މަރުހަބާ ދަންނަވައި މެސެޖެއް ފޮނުއްވާފަ އެވެ. އަދި ފަލަސްތީނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ދަންނަވާފަ އެވެ.