ދުނިޔެ

މަސައްކަތުގެ ރަސްމީ ގަޑި ހަ ގަޑިއިރަށް ބަދަލުކޮށް ސްވިޑެން އިން ކާމިޔާބު ހޯދަނީ

Oct 1, 2015
1

ސްވިޑެން އަކީ ޔަގީނަށް ވެސް ތަރައްގީގެ ދުނިޔޭގައި އެހެން ގައުމުތަކަށް އޮތް ނަމޫނާ އެކެވެ. ވަކިން ހާއްސަކޮށް ރައްޔިތުން އުފަލުގައި ބައިތިއްބައިގެން މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތްކުރާ ނަމޫނާ ގައުމެކެވެ.

މިސާލަކަށް، އެ ގައުމުގައި މެޓާނިޓީ ލީވް އަކީ ވެސް 480 ދުވަހެވެ. އެވެސް މުސާރައާ އެކުގައި ދޭ ޗުއްޓީ އެކެވެ. އޭގެ ތެރެއިން 60 ދުވަހަކީ ފިރިމީހާ އަށް ރިޒާވްކޮށްދޭ ދުވަސްތަކެވެ.

ރީސައިކަލް ކުރުމުގައި ވެސް މިއީ ނަމޫނާ ގައުމެކެވެ. އެގައުމުގައި ހައުސްހޯލްޑް ވޭސްޓްގެ ގޮތުގައި ކުނިގޮނޑަށް އުކާލަނީ އެންމެ އެއް ޕަސެންޓްގެ ކުންޏެވެ. އެލުމިނިއަމްގެ ދަޅުތަކުން ފެށިގެން އަނެއް 90 ޕަސެންޓްގެ ކުނި ރީސައިކަލްކުރަނީ އެވެ.

ހަކަތަ އުފެއްދުމަށް އިއާދަކުރަނިވި ނިޒާމުތައް ބޭނުންކުރުމުގައި ވެސް ސްވިޑެން ވަރެއް ނެތެވެ. އަދި ކުށްވެރިން   ބެލެހެއްޓުމުގައި ވެސް މި ގައުމު ވަރެއް ނެތެވެ.

ސްވިޑެންގައި އެ ވަނީ ކުށްވެރިން މަދުވެ ޖަލުތައް ވެސް ބަންދުކޮށްފަ އެވެ. އެހެންވީމަ މުޖުތަމައެއް އިސްލާހުކޮށް ތަރައްގީގެ ދުވެލީގައި މެކުހަށް ޖަހާލާފައިވާ މި ފެންވަރުގެ ގައުމެއް ނަމޫނާއެއްގެ ގޮތުގައި ބަލަން ވެސް ޖެހޭނެ އެވެ.

ފަހަރެއްގައި ރާއްޖެ އިން ސަރުކާރު މުވައްޒަފުންގެ ވަޒީފާގެ ރަސްމީ ގަޑިތައް އަށް ގަޑިން ހަ ގަޑިއިރަށް ބަދަލުކޮށްފައި ވަނީ ސްވިޑެން ނަމޫނާއަކަށް ބަލައިގެންނެވެ. ވަޒީފާގެ ރަސްމީ ގަޑި އަށް ގަޑިން ހަ ގަޑިއަށް ބަދަލުކުރުމަކީ މި ދުވަސްކޮޅު ސްވިޑެންގައި ވެސް ނިކަން ފޯރި ހިފާލާފައި އޮތް ބަދަލެކެވެ.

އެގައުމުގެ ވަރަށް ގިނަ ކުންފުނިތަކެއްގައި މިހާރު ވެސް ރަސްމީ ގަޑި ހަ ގަޑިއިރަށް ބަދަލުކޮށްފައިވާއިރު އެމީހުން ބުނަނީ މިއީ ނިކަން ހެޔޮ ބަދަލެއް ކަމަށާއި އޭގެ ނަތީޖާ ވެސް މާ ރަނގަޅު ކަމަށެވެ.