ލައިފްސްޓައިލް

ކާއެއްޗެތި ދަތުރުކުރާ ހޮޅި ނެތި އުފަންވީ ކުއްޖަކަށް ދެ މާމައިންގެ ލޯބި

ހަޔާތަކީ ހުރިހާ އެންމެނަށް އެއްވަރަކަށް ހިތްހަމަޖެހުން ގެނުވާ ކަމެއް ނޫނެވެ. ބައެއް މީހުން ވަރަށް އުފަލާ އަރާމުގައި އުޅޭއިރު އަނެއް ބަޔަކަށް ވަރަށް ހިތާމައާއި ހިތްދަތިކަމުގައި އުޅެން ޖެހިފައި ވެއެވެ. ނަމަވެސް ކިތަންމެ ނިކަމެތި އާރެއް ބާރެއް ނެތް މީހަކަށް ވެސް އެހެން މީހެއްގެ ނުވަތަ ބައެއްގެ ލޯތްބާއި އޯގާތެރިކަން ލިބިއްޖެނަމަ ވަރަށް ނާ އުންމީދީ ހާލަތު ވެސް އުންމީދުން ފުރިގެންވާ ހާލަތަކަށް ބަދަލުވެދާނެ އެވެ.

އިންޑިއާގެ ގުޖްރާތުގެ ދެ މާމައިންގެ މި ވާހަކައަކީ މިފަދަ ވާހަކަ އެކެވެ. މި ދެ މާމައިންނަށް ލިބުނު މާމަދަރިފުޅު އުފަންވީއިރު ވެސް ވަރަށް ބޮޑު އައިބެއް ކުއްޖާގެ އެތެރެހަށީގައި ހުއްޓެވެ. ފުޑް ޕައިޕް ނުވަތަ ކާ އެއްޗެތި ދަތުރުކުރާ ހޮޅި އެއްގޮތަކަށް ވެސް ނެތީ އެވެ. އެހެންކަމުން ކުއްޖާ ސަލާމަތް ކުރެވޭނެ ފުރުސަތު ކުޑަކަމަށް ޑޮކްޓަރުން ބުންޏެވެ.

ނަމަވެސް މި ކުއްޖާގެ ދެ މާމަ ބޭނުންވީ އެމީހުންގެ ލޯތްބާއި އޯގާތެރިކަން އަދި އަޅާލުން ދީގެން އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ކުއްޖާ ބަލަހައްޓާށެވެ. އަދި އެކަމަށްޓަކައި މި ދެ މާމައިން އެ މީހުންގެ ހުރިހާ ވަގުތަކާއި ހަކަތައެއް ގުރުބާން ކުރި އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރު ބުނާ ގޮތުގައި ތުއްތު މުހައްމަދު އުމަރު މަލެކްއަށް އުފަންވީއްސުރެ ކާންދެމުން އައީ ހޮޅިން ނަމަވެސް މި މަހުގެ ތިން ވަނަ ދުވަހު މި ކުއްޖާއަށް ފުރަތަމަ ފަހަރަށް ސަމުސަލުން ކިރު ފޮދެއް ބޯލުމުގެ ކުޅަދާނަކަން ލިބިއްޖެ އެވެ. މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ އުފަން ވީއްސުރެ އަނގައިން އެއްޗެތި ދިރުވާލެވުނު ފުރަތަމަ ފަހަރެވެ.

ކުއްޖާއަށް މިހާވަރު މިވީ އޭނާގެ ދެ މާމަ ޚޫރްޝީދާ އާއި ސަބީރާ މަލެކްގެ ހިތްވަރާއި ނުގުޑާ އަޒުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މި ކުއްޖާއަށް ފަރުވާ ދެމުންދާ ޑޮކްޓަރުން ބުނި ގޮތުގައި މި ކުއްޖާ އުފަންވީއިރު އެސޮފިޖިއަލް އެޓްރީސިއާ ކިޔާ މައްސަލައެއް ހުއްޓެވެ. މީގެ މާނައަކީ އެ ކުއްޖާގެ ކާއެއްޗެތި ދަތުރުކުރާ ހޮޅި އުފެދުމުގައި ވެސް ނެތީ އެވެ. އަދި އިތުރު މައްސަލައެއް ވެސް ހުއްޓެވެ. ޑިއޮޑެނަލް އެޓްރީސިއާ އެވެ. މިއީ ގޮހޮރާއި ބަނޑާ ގުޅޭ ތަން ބެދިފަ އިނުމަށް ކިޔާ ނަމެކެވެ. މި މައްސަލަތައް ހުރުމުގެ ސަބަބުން ތުއްތު ތުއްތު އުމުރަށް އަނގައިން އެއްވެސް އެއްޗެއް ނުދިރުވެ އެވެ.

އުމަރު އުފަންވުމުން އޭނާގެ ބަލި ހާލަތަށް ބަލާފައި އޭނާ ބެލެހެއްޓުމާ އޭނާގެ ދެ މާމައިން ހަވާލުވީ އެވެ. އޭނާ ސަލާމާތްވުމުގެ އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށް ޑޮކްޓަރުން ބުނަމުން ދަނިކޮށެވެ.

އުފަންވީ ދުވަހާ ޖެހިގެން އައި ދުވަހު ވެސް އުމަރުގެ ވަރަށް ބޮޑު ސާޖަރީއެއް ހެދި އެވެ. ބަނޑާއި ގޮހޮރާ ގުޅޭ ތަނުގައިވާ ބްލޮކް ނެގުމަށެވެ. އަދި އޭނާގެ ބަނޑުތެރެއަށް މަސްނޫއީ ހޮޅިއެއް ލެއްވި އެވެ. އޭގެ ސަބަބުން އޭނާއަށް އަނގައިން އެއްޗެތި ދިރުވޭ ގޮތް ވަނީ ވެފަ އެވެ. އަދި އަށް މަސް ވީމަ އިތުރު ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އުމަރުގެ މަންމަގެ އިތުރު ކުއްޖެއް އޮތުމާއެކު އެހާ ބަލި ކުއްޖެއް ރަނގަޅަށް ނުބެލޭނެތީ އޭނާގެ ދެ މާމައިން ކުއްޖާ ބެލުމާ ހަވާލުވީ އެވެ. ކޮންމެ ދެ ގަޑިއަކުން ކުއްޖާގެ ކާން ދިނުމާއި ކަންތައްތައް ކުރާނެ ގޮތް އެމީހުން ހޮސްޕިޓަލުގެ ސްޓާފުން ކައިރިން ވަރަށް ފުރިހަމައަށް ދަސްކުރި އެވެ. ބައެއް ފަހަރު އެތެރޭގައިވާ ހޮޅި ނެއްޓި ނުވަތަ އެއް ފަރާތަކަށް ޖެހޭ ގޮތް ވުމުން އަވަހަށް ހޮސްޕިޓަލަށް ގެނެސް އެ ހޮޅި ރަނގަޅު ކުރުވައިގެން އެ ދެ މާމައިން ވަނީ ކުއްޖާ އަހަރެއް ވަންދެން ވަރަށް ރަނގަޅަށް ބަލާފަ އެވެ.

ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި ދެ މާމައިން އެހާ ރަނގަޅަށް ލޯބިން ނުބެލިނަމަ ތުއްތު އުމަރު ސަލާމަތް ނުވުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމެކެވެ.