ލައިފްސްޓައިލް

ހަކުރު ގިނައިން ކެއުމުން ހިތާއި ބަނޑުގައި ގިނަ އަދަދަކަށް ސަރުބީ ޖަހާ

ފްރާންސްގެ ސައިންސްވެރިންގެ ފަހުގެ ހޯދުމެއްގެ ނަތީޖާ ދައްކާފައިވާ ގޮތުން ހަކުރު ގިނައިން ކެއުމަކީ ހިތުގެ ވަށައިގެންވާ މަސްތަކާއި ބަނޑުގެ އެތެރޭގައި ގިނަ އަދަދަކަށް ސަރުބީ ޖަހަން މެދުވެރިވާ ކަމެކެވެ.

ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައިވާ މި ރިޕޯޓު ބުނާ ގޮތުން އަހަރެމެން މާ ގިނައިން ހަކުރު އެކުލެވޭ ބާވަތަތައް ކެއުމުން ހަށިގަނޑަށް ބޭނުންވާ ވަރު ނަގާފައި ބާކީވާ ބައި ސަރުބީއަށް ބަދަލުވެ ހަށިގަނޑުގައި ރައްކާ ކުރެވެ އެވެ. އެގޮތުން އެންމެ ގިނަ ސަރުބީ ރައްކާކުރަނީ ހިތުގެ ވަށައިގެންވާ ފެޓް ޓިޝޫ ތަކުގަޔާއި ބަނޑުގަ އެވެ. މި ތަންތަނުގައިވާ ސަރުބީތަކުން ހަށިގަނޑުގެ ތެރެއަށް ތަފާތު ވައްތަރުގެ ކެމިކަލްތައް ރިލީޒް ވަމުންދާ ކަމަށާއި މިއީ ހަށިގަނޑަށް ގެއްލުންތައް ލިބޭ ކެމިކަލްތަކެއް ކަމަށް ވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް ހަކުރު އަދި ހަކުރު އަޅައިގެން ތައްޔާރު ކޮށްފައިވާ ކެއުންތަކާއި ބުއިންތައް ކެއުން މަދު ކުރުމުގެ މުހިއްމު ކަމަށް މި ރިޕޯޓުގައި ބާރު އަޅާފައި ވެއެވެ.

ހަކުރު އެކުލެވޭ ކާނާ އެއްވެސް ހައްދެއް ނެތި ކާ މީހުން މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ ވެފައިވާކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ހަކުރު އެންމެ ގިނައިން ބޭނުންކުރާ ގައުމުތައް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ ޗިލީ، މެކްސިކޯ، އާޖެންޓީނާ، ޕެރޫ، އެމެރިކާ އަދި ސައޫދީ އަރަބިޔާ އެވެ. އަދި އޭޝިއާ، އެފްރިކާ، ރަޝިޔާގައި ހަކުރުގެ ޑިމާންޑް އިތުރުވަމުން އަންނަނީ ހަލުވިކަމާއެކު ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

މި އޮބްޒަވޭޝަނަލް ސްޓަޑީގައި ހަކުރު އެކުލެވޭ ބުއިންތަކުގެ ތެރޭގައި ހިމެނޭ ސޮފްޓް ޑްރިންކްސް، ފުރުޓް ޑްރިންކްސް، އެނާޖީ ޑްރިންކްސް ބޭނުންކުރާ މިންވަރާއި ޕްރޮސެސް ކޮށްފައި ހުންނަ ކާނާގެ ތެރެއިން ހަކުރު ގިނައިން އެކުލެވޭ ކާނާ އެންމެ ގިނައިން ބޭނުންކުރާ ގައުމުތަކުގައި މި ތަކެތި ވިކޭ އަދަދުތައް ބަލާފައި ވެއެވެ. އަދި ހަކުރު ބޭނުންކުރާތާ ގިނަ ދުވަސް ވާ ވަރަކަށް ހިތުގެ ވަށައިގެންވާ ޓިޝޫތަކާއި ބަނޑުގެ ޓީޝޫތަކުގައި ސަރުބީ ޖަމާވަމުން ދާގޮތް ވެސް ބަލާފައި ވެއެވެ.

މީގެ އިތުރުން އެމެރިކާގެ ރައްޔިތުންގެ ތެރެއިން 3000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ވެސް މި ދިރާސާގެ ބައެއް ފުރިހަމަ ކޮށްފައި ވެއެވެ. މިއީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު ޒުވާނުން ތަކެކެވެ.

އެންމެ ޒުވާން އިރުއްސުރެ ހަކުރު ގިނައިން ބޭނުންކުރުމުގެ ނޭދެވޭ ނަތީޖާތައް 25 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ލަސް ވެގެން ވެސް ފެންނަ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ހިތާއި ބަނޑުގައި މާ ގިނައިން ސަރުބީ ޖެހުމުން ސިއްހަތަށް ލިބޭ ގެއްލުންތައް 20 ވަރަކަށް އަހަރު ތެރޭގައި ގިނަ ބަޔަކަށް ފެންނަން ފަށާ ކަމަށް ވެއެވެ.

"އަހަރެމެންގެ ހޯދުމުން އެނގިފައިވާ ގޮތުގައި ހަކުރާއި ހަކުރު އަޅާފައި ހުންނަ އެކިކަހަލަ ކާނާ އާއި ބުއިންތައް ބޭނުންކުރާތާ ގިނަ ދުވަސް ވާ ވަރަކަށް ހިތާއި ބަނޑުގައި ޖަހާ ސަރުބީތައް އިތުރުވަމުން އިތުރުވަމުން ގޮސް ވިއްސަކަށް އަހަރު ވާއިރު ހިތުގެ ބަލިތަކާއި ހަކުރުބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވޭ،" ދިރާސާގައި މަސައްކަތް ކުރެއްވި ޑރ. ލީން ސްޓެފެން ވިދާޅުވި އެވެ.

ސައިންސްވެރިން އިރުޝާދު ދެނީ ޒުވާން ދައުރުއްސުރެ ފޮނި އެއްޗެތި ކެއުމާއި ބުއިން ކޮންޓްރޯލް ކުރުމަށެވެ.

"ސޮފްޓް ޑްރިންކް ނުވަތަ އެފަދަ ހަކުރު އެކުލެވޭ ބުއިންތަކުގެ ބަދަލުގައި ފެން ތައްޓެއް ބޯލާ. ކޭކު ފަދަ އެއްޗެތި ކެއުމުގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި މޭވާއެއް ކާލައިގެން ހިތްހަމަޖައްސާލަ. ތައްޔާރީ ކާނާ ގަންނައިރު ފުޑް ލޭބަލް އަށް ބަލާ ހަކުރު ގިނައިން އެކުލެވޭ އެއްޗެތި ގަތުން މަދުކުރޭ. މިފަދަ ބުއިންތަކާއި ކެއުންތަކުގެ އިންގްރިޑިއަންޓްސް ތެރޭގައި ސިރަޕް، ގުލްކޯޒް، ފުރުކްޓޯސް، ސުކްރޯސް އަދި މެލްޓޯސް ފަދަ ބާވަތްތައް ހުރިތޯ ޗެކް ކުރޭ. ސަބަބަކީ މި ހުރިހާ އެއްޗެތީގައި ވެސް ފޮރުވިފައިވަނީ ހުސް ހަކުރު. މި ތަކެއްޗާ މެދު މިހާރަށް ވުރެ ހޭލުންތެރި ވެގެން ނޫނީ މި ތަކެތި ކެއުން މަދެއް ނުކުރެވޭނެ،' ސައިންސްވެރިޔާ ބުންޏެވެ.