ޓޮޓެންހަމް ހޮޓްސްޕާ

ސަން، ލޮރިސްގެ ކުރިމަތިލުން މޮރީނިއޯއަށް ކަމުދިޔަ

އެވަޓަން އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގެ ހާފު ޓައިމްގައި ސްޕާސްގެ ކެޕްޓަން އަދި ގޯލް ކީޕަރު ހޫގޯ ލޮރިސް އާއި އެ ޓީމުގެ ފޯވަޑް ސަން ހިއުންގް މިން އާ ދެމެދު ހިނގި ކުރިމަތިލުން، އެ ޓީމުގެ ކޯޗް ހޯޒޭ މޮރީނިއޯ އަށް ކަމުގޮސްފި އެވެ.

ފުރަތަމަ ހާފު ނިމުނު ތަނުން ޓީމު ޓަނަލްއަށް ދާން ދަނޑުން ފައިބާން ދިޔަ ވަގުތު ފްރާންސްގެ ގޯލްކީޕަރު ލޮރިސް ވަނީ ސަން އާ ދިމާލަށް ގޮސް އޭނާ އާ ކުރިމަތި ލާފަ އެވެ. ޓީމުގެ އެހެން ކުޅުންތެރިން، އެ ދެ ކުޅުންތެރިން ދުރު ކުރަން މަސައްކަތް ކުރި އެވެ. ފަހުން ޑްރެންސިން ރޫމްގެ ޓަނަލްއަށް ވަނުމުގެ ކުރިން ދެ ކުޅުންތެރިން ވެސް ވަނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔެއްގެ ގައިގައި ބައްދާލައި ސުލްހަ ވެފަ އެވެ.

ދެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ނުތަނަވަސްކަން މޮރީނިއޯ ސިފަ ކުރީ "ހިތްގައިމު" ކަމެއްގެ ގޮތުގަ އެވެ.

"އެކަމާ ގުޅިގެން އެއްވެސް މީހަކު ކުށްވެރި ކުރަން ބޭނުން ވާނަމަ އެމީހަކީ އަހަރެން،" މޮރީނިއޯ ވާހަކަ ދެއްކި އެވެ. "އަހަރެންގެ ކުޅުންތެރިންނާމެދު ފާޑު ކިޔަން ޖެހޭނީ އަހަންނަށް، އަހަރެން އެ ކުޅުންތެރިންގެ ފަރާތުން އެދުނީ އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިޔެއްގެ ފަރާތުން ޑިމާންޑް ކުރުމަށް، އަހަރެން އެ މީހުންގެ ކައިރިން އެދުނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ޕްރެޝާ ކުރިމަތި ކުރަން، އެއީ ކާމިޔާބު ހޯދަން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ދޭން ޖެހޭނެ ޕްރެޝަރެއް، އަހަންނަށް ހީވަނީ ޓީމެއް ކުރިއަރައި ދިއުމަށް އެއީ ވަރަށް މުހިންމު ކަމެއް ހެން."

މެޗަށް ފަހު ލޮރިސް ވެސް ވަނީ، ދެކުނު ކޮރެއާގެ ފޯވަޑާ ދެމެދު ނުތަނަވަސްކަން މެދުވެރިވި ސަބަބު ސާފު ކޮށްދީފަ އެވެ. އޭނާ ބުނީ ސަންގެ ފަރާތުން އިދިކޮޅު ކުޅުންތެރިޔާއަށް ވިއްދާތަން ނުފެނުމުން އޭނާ ހިތްހަމަ ނުޖެހުނީ ކަމަށެވެ.

ޓޮޓެންހަމްއިން ފުރަތަމަ ހާފުގައި ލީޑް ނަގާފައި ވަނިކޮށް، އެ ހާފު ނިމުގެ ކުރިން އެވަޓަންގެ ރިޗާލްސަން އަށް ވަނީ ލިޑް ނަގާނެ ފުރުސަތެއް ލިބިފަ އެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އެ ބޯޅަ ރިޗާލްސަން އަށް ތަނަވަސްވީ، ސަން އެ ބޯޅައަށް ނުވިއްދުމުންނެވެ.

"އެއީ އަހަރެމެން ޓީމުގެ އެތެރޭގެ ކަމެއް، ބޭރުގައި ތިބެ ކަލޭމެންނަށް ކޮންމެ އެއްޗެއް ވެސް ކިއިދާނެ، ޓީމުގެ އެތެރޭގައި އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަށް ވަރަށް ބޮޑަށް އިހްތިރާމް އެބައޮތް،" މެޗަށް ފަހު ވާހަކަ ދައްކަމުން ލޮރިސް ބުންޏެވެ. "އަހަންނާއި ސޮނީ [ސަން] އާ ދެމެދު އެ ހިނގި ކަމަކީ ބައެއް ފަހަރު ފުޓްބޯޅައިގެ މެދުވެރިވާނެ ކަމެއް، ނަމަވެސް އަހަރެމެންގެ މެދުގައި ހަމައެއްވެސް މައްސަލައެއް ނެތް."

ސްޕާސްގެ ސްޓޭޑިއަމްގައި އެވަޓަންގެ މައްޗަށް ކުރި ހޯދީ 1-0 ންނެވެ. އެ ޓީމުގެ ލަނޑަކީ، އެޓަންގެ މޮއިސް ކީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޓޮޓެންހަމްގެ ޖިއޮވާނީ ލޮސެލްސޯ ފޮނުވާލީ ބޯޅަ ގޯލަށް ވަނީ ކީންގެ ގައިގައި ޖެހި މިސްރާބު ބަދަލު ވެގެން ގޮހެވެ. އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑަށްވެސް އެ ބޯޅަ ސަލާމަތް ކުރުމުގައި މަސައްކަތެއް ނުކުރެވުނީ ކީންގެ ގައިގައި ޖެހުމުން މިސްރާބު ބަދަލުވުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވި ޓޮޓެންހަމް ވަނީ ރޭގެ މެޗުން މޮޅުވެ ޕޮއިންޓްގެ ގޮތުން ޝެފީލްޑް އާ ހަމަހަމަ ކޮށް ލަނޑުގެ ތަފާތުން ކުރި ހޯދައި ތާވަލުގައި އެ ޓީމަށް ވުރެ ކުރިއަށް ޖެހިލާފަ އެވެ. ޓޮޓެންހަމް އޮތީ އަށް ވަނައިގަ އެވެ.