އދ. އިން ދުނިޔޭގެ ހުރިހާ ގައުމަތަކަށް ކަނޑައަޅާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ކުރަން އުރީދޫން ބައިވެރި ވެއްޖެ އެވެ.
ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އުރީދޫގެ ބައިވެރިވުން ހާމަ ކުރުމަށް އެ ކުންފުނީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންސް ކޯޑިނޭޓާ ޝޯކޯ ނޯޑާ ވިދާޅުވީ އުރީދޫއަކީ އދ. ގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި މުހިންމު ބައިވެރިއެއް ކަމަށެވެ.
"ލަނޑުލަނޑިތަކަށް ވާސިލް ވުމުގައި އުރީދޫ ގްރޫޕުން ވެދެމުން ގެންދާ އެއްބާރުލުން ފާހަގަ ކުރަން،" ޝޯކޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުރީދޫއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދެމެހެއްޓެނިވި ފައިދާތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ.
"އުރީދޫންވަނީ ޖީއެސްއޭ ކަނެޓް ވިމެންސް ޕްރޮގްރާމާއި ޗައިލްޑް ހެލްޕް ލައިން އިންޓަނޭޝަނަލްގެ އިތުރުން ހިއުމެނިޓޭރިއަން ކަނެކްޓިވިޓީ ޗާޓަރު ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެފަ،" ޝޯކޯ ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ބޮޑެތި ކުންފުނިތަކުގެ ވެރިން ޔޫއެންގައި ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމަށް އުރީދޫ މޯލްޑިވްސްއިން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"މި ލަނޑުދަނޑިތަކުގައި ހިމެނޭ ރަނގަޅު ތައުލީމެއް ދިނުމާއި މޫސުމީ ބަދަލުތަކަކީ ރާއްޖެއާ ގުޅޭ ކަންކަން. މި ކަންކަން ފުރިހަމަ ކުރުމަށް ޔޫއެންއާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ވިކްރަމް ވިދާޅުވި އެވެ.