ސެވިއްޔާ

ސެވިއްޔާ ޗެމްޕިއަންސް ލީގާ ކައިރިއަށް

އެއިބާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫއެފާ ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދުމާ ކައިރިއަށް ސެވިއްޔާ ޖެހިލައިފި އެވެ.

ސެވިއްޔާގެ ރޯމަން ސަންޗޭޒް މިޒްޔުއާން ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެ، އެ ޓީމު ވަނީ ހަތަރު ވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އެ ޓީމުގެ ފަހަތުގައި އޮތް ވިޔަރެއާލް، އާދިއްތަ ދުވަހުގެ ރޭ ބާސެލޯނާ އަތުން ބަލިވުމުން ވަނީ ސެވިއްޔާ އާ ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ހަނިވެފަ އެވެ. ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ ހަތަރު މެޗެވެ.

ސެވިއްޔާގެ ގޯލް މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އާޖެންޓީނާގެ ފޯވަޑް ލޫކަސް އޮކްމްޕޯސް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގައި ޖީސަސް ނާވަސް ކުރި މަސައްކަތް ފާހަގަ ކޮށްލެވެ އެވެ. ނާވަސް އަށް ބޯޅަ ލިބުމުން އޭނާ ވަނީ އެއިބާގެ ދެ ކުޅުންތެރިންގެ ކައިރިން ތިން ފަހަރަށް ނައްޓާލާފަ އެވެ. އޭރިގެ ކަނާ ދިމާލުން އޭރިއާޣެ ބޭރުގައި ހުރެފައި އޭނާ ބޯޅަ ނަގައިދިނީ ވަރަށް ރަނގަޅަށް ބަލާލާފައި އޮކްމްޕޯސް އެ ބޯޅައަށް އަރާނެ ކަން އެނގިގެންނެވެ. ނާވަސް ނަގައިދިން ބޯޅަ އޭރިއާގެ ކަނާ ދިމާލުން ވަދެ އޮކްމްޕޯސް ވެއްޓިގެން ފައި އެ ބޯޅަ ފޮނުވާލީ އެއް ފަހަރު ޖަހައެވެ.

އޭގެ ކުރިން އެއީބާއިން ޑިފެންސް ކުރަމުން ދިޔައީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ތިބެ އެވެ. އަދި ވަރުގަދައަށް ޓެކްލްކޮށް ވިއްދަމުންނެވެ. ރޭ ގެ މެޗަކީ ސެވިއްޔާ މޮޅުވި ޖެހިގެން ދެ ވަނަ މެޗެވެ. އޭގެ ކުރިން ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ އެއްވަރު ވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗް ހުލެން ލޮޕެޓެގީ ބުނީ، އެއްވަރުވި ހަތަރު މެޗުގައިވެސް މޮޅުވުމާ ވަރަށް ކައިރިއަށް ސެވިއްޔާ އަށް ދެވުނު ކަމަށެވެ. އަދި އެ މެޗުތަކުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުންވެސް އެ ރޫހް ފެނުނު ކަމަށް ރެއާލް މެޑްރިޑަށް ކުރިން ކޯޗް ކޮށްދިން ލޮޕެޓެގީ ބުންޏެވެ. އޭނާ ބުނީ އެއީބާ އިން އެޓޭކް ކުރަމުން ދިޔަނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި އޭނާގެ މުޅި ޓީމުން ކުރި މަސައްކަތް ފާހަގަ ކުރަން ޖެހޭ ކަމަށާއި މެޗުން މޮޅުވީ ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.

ސެވިއްޔާ އާއި އެއިބާގެ މެޗުގެ ކުރިން ރެއާލް ސޮސީޑާޑް ވަނީ 1-1 ން ލެވަންޓޭ އާ އެއްވަރު ވެފަ އެވެ. ކޮރޯނާ ވައިރަސް އަށް ފަހު ލީގް އަލުން ފެށިފަހުން ސޮސީޑާޑްގެ ފަރާތުން ކުރިން ފެނުނު ފޯމް ވަނީ ގެއްލިފަ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ސޮސީޑާޑުންނެވެ. އެ ޓީމުގެ ލަނޑު 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެގްޒެންޑާ އައިސަކް އެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ލެވަންޓޭގެ ހޯޒޭ ލުއިސް މޮރާލޭސް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުން އެއްވަރުވެ ސޮސީޑާޑަށް ވަނީ ގަދަ ހަޔަކަށް ވަނުމަށް އުނދަގޫ ކުރިމަތި ވެފަ އެވެ.