ލަ ލީގާ

ކީޕަރު ބޯނޯ ލަނޑުޖަހައި ސެވިއްޔާއަށް ޕޮއިންޓެއް

ރެއާލް ވަޔަޑޮލިޑް އަތުން ސެވިއްޔާ ބަލިވާން ދަނިކޮށް، ގޯލްކީޕަރު ޔާސީން ބޯނޫ (ބޯނޯ) ކުރިއަށް ނުކުމެ ލަނޑު ޖަހައިދީ މެޗުން ސެވިއްޔާއަށް ޕޮއިންޓެއް ހޯދައިދީފި އެވެ.

މެޗު އެއްވަރުވީ 1-1 ންނެވެ. ވަޔަޑޮލިޑްގެ ހޯޒޭ ޒޮރީލާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވަޔަޑޮލިޑްގެ ފަބިއަން އޮރެޔާނާ ފުރަތަމަ ހާފުގައި ފޮނުވާލި ޕެނަލްޓީ ބޯނޯއަށް ސަލާމަތެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގެ ފަހު ކޮޅަށް އެޅުނު އިރު ސެވިއްޔާގެ ކުޅުންތެރިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ކުޅުންތެރިންގެ މޫނު މަތިން މާޔޫސް ކަމުގެ އަސަރު ފެނުނެވެ. ދެ ވަނަ ހާފުގައި ގިނަ ހަލަމަލާތަކެއް އުފެއްދި ނަމަވެސް ވަޔަޑޮލިޑްގެ ގޯލް ފޫއަޅުވާ ލެވޭގޮތެއް ނުވި އެވެ.

މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގައި، ސެވިއްޔާއަށް ކޯނަރެއް ލިބުމުން ގޯލް އޭރިއާ އާއި އަމިއްލަ ހާފު ވެސް ދޫކޮށް ބޯނޯ އެރީ ކުރިއަށެވެ. ސެވިއްޔާއިން ނެގި ކޯނަރު ދިފާއު ކުރުމުގައި ވަޔަޑޮލިޑްގެ ކުޅުންތެރިންނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން ބޯޅަ އޭރިއާ ތެރޭގައި ފެނުޖެހުނެވެ. ބޯނޯ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

ބޯނޯގެ ގޯލްގެ ހަނދާންތައް ގުޅެނީ، 2006-2007 ޔޫއެފާ ކަޕްގައި، ޝަކްޓާ ޑޮނެސްކް ކޮޅަށް ސެވިއްޔާގެ އޭރުގެ ކީޕަރު އެންޑްރެސް ޕަލޮޕް މެޗުގެ ފަހު ވަގުތުގައި ޖެހި ގޯލަށެވެ. މި ސީޒަންގެ ލަލީގާގައި ގޯލް ޖެހި ހަމައެކަނި ކީޕަރަކީ ބޯނޯއެއް ނޫނެވެ. ޖަނަވަރީގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އެއިބާ ކުޅުނު މެޗުގައި، އެއިބާގެ ކީޕަރު މާކޯ ޑިމިޓްރޮވިޗް ވަނީ ޕެނަލްޓީން ލަނޑު ޖަހާފަ އެވެ.

ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް މެޗުން ޕޮއިންޓެއް ލިބުމުން އެ ޓީމު ވަނީ ފަސް ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާ 10 ޕޮއިންޓަށް ފަރަގު ފުޅާ ކޮށްފަ އެވެ. ސޮސިއެޑާޑުން މިއަދު ނުކުންނާނީ ބާސެލޯނާ އާ ދެކޮޅަށެވެ.