ލަ ލީގާ

ސޮސިއެޑާޑް ބަލިކޮށް އަނެއްކާވެސް ބާސާ އެއްވަނައަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗެއްގައި ބާސެލޯނާއިން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް 4-0ގެ ނަތީޖާއަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މި މޮޅާއެކު ބާސެލޯނާއިން ވަނީ ލަލީގާގެ ތާވަލުގެ އެއްވަނަ މަގާމު އަލުން ހޯދާފަ އެވެ.

މި ސީޒަންގައި މިހާތަނަށް ކުޅުނު 26 މެޗުން ބާސެލޯނާއަށް 57 ޕޮއިންޓް ލިބި ތާވަލުގެ އެއްވަނައަށް އަރާފައިވާއިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ބާސެލޯނާގެ އެންމެ ވާދަވެރި ކުލަބު ރެއާލް މެޑްރިޑް އޮތީ މިވަގުތު 54 ޕޮއިންޓާއެކު ތިންވަނައިގަ އެވެ.

ކެމްޕް ނޫގައި ކުރިއަށް ދިޔަ މި މެޗު ބަލަން 46,000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަދެފައިވާއިރު، މެޗުގެ 17 ވަނަ މިނެޓުގައި ސޮސިއެޑާޑްގެ ޑިފެންޑަރު އަރިޓްޒް އެލުސްޓޮންޑޯއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ބޭރުކޮށްފަ އެވެ. އެލުސްޓޮންޑޯއަށް ރަތްކާޑު ދެއްކީ ބާސެލޯނާގެ މިޑްފީލްޑަރު ޑެނީ އޮލްމޯއަށް ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެންނެވެ.

އެއް ކުޅުންތެރިއަކު މަދުން ސޮސިއެޑާޑް ކުޅެމުންދިޔައިރު، މި ފުރުސަތުގެ ބޭނުން ބާސެލޯނާ އިން ވަނީ ފުރިހަމައަށް ހިފާފަ އެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ޑެނީ އޮލްމޯގެ އެސިސްޓަކުން ގެރާޑް މާޓިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާފަ އެވެ. އޭގެ އެންމެ 3 މިނެޓު ފަހުން މާކް ކަސާޑޯ ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑަށްވެސް އެސިސްޓް ކުރީ ފޯމުގައި ހުރި ޑެނީ އޮލްމޯ އެވެ.

ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ރޮނަލްޑް އަރައުހޯ ވަނީ ރަފީނިއާގެ ކޯނަ ކިކުން ބޮލުން ޖަހައި ބާސެލޯނާގެ ތިންވަނަ ލަނޑު ކަށަވަރުކޮށްފަ އެވެ.

މި ލަނޑު ޖެހުމާއެކު ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ އެއްފަހަރާ ތިން ބަދަލެއް ގެނެސްފަ އެވެ. ޕެޑްރީ، ރަފީނިއާ އަދި ޕާއު ކުބާސީގެ ބަދަލުގައި ފްރެންކީ ޑިޔޮންގް، ފެރަން ޓޮރޭސް އަދި އެރިކް ގާސިއާ ކުޅެން ވަނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ބާސެލޯނާގެ ޕޯލިޝް ސްޓްރައިކަ ރޮބަޓް ލެވަންޑޯސްކީ ވަނީ މެޗުގެ ހަތަރުވަނަ އަދި ފަހު ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ ލަލީގާގެ ޓައިޓަލް ކާމިޔާބުކުރުމުގެ އުއްމީދު އިތުރަށް އާލާކޮށްފަ އެވެ.