ބާސެލޯނާގެ މެޑިކަލް ޑިރެކްޓަރު، ޑޮކްޓަރު ކާލްސް މިނަރޯ ގާސިއާ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ޑޮކްޓަރުގެ މަރާ ގުޅިގެން، ބާސެލޯނާއިން ސްޕޭނުގެ ލާލީގާގައި އޮސަސޫނާއާ ދެކޮޅަށް މިއަދު ކުޅެން ހަމަޖެހިފައިވާ މެޗު މިހާރު ވަނީ ފަސްކޮށްފަ އެވެ.
އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައި އޮތް މެޗު، ފެށުމުގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިން ފަސްކޮށްދިނުމަށް ބާސެލޯނާއިން އެދުމާ ގުޅިގެން ސްޕެނިޝް ލީގާއިން އެކަމަށް އެއްބަސްވެ، އޮސަސޫނާއިންވެސް ފުރިހަމަ އެއްބާރުލުން ދީފައިވެ އެވެ.
ސްޕޭނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޑޮކްޓަރު މިނަރޯ މަރުވީ ޓީމުގެ ކުޅުންތެރިންނާއެކު ހޮޓަލުގައި އުޅުމަށްފަހު، ރޭގަނޑުގެ ކެއުން ނިންމައި ނިދަން ދިޔަ ފަހުންނެވެ.
އޭނާގެ މަރާ ގުޅޭ ގޮތުން އިތުރު ތަފްސީލްތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ މިއީ ބާސާއަށް ވަރަށް ހިތްދަތި އުދަނގޫ ވަގުތެއް ކަމަށެވެ.
"ޑޮކްޓަރު މިނަރޯއަކީ ބާސެލޯނާގެ ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ވަރަށް ލޯބިވާ މެންބަރެއް. އޭނާގެ އާއިލާއަށާއި ރަޙްމަތްތެރިންނަށް މިވަގުތު އަޅުގަނޑުމެންގެ ހިތުގެ އަޑިން ތައުޒިޔާ ކިޔަން،"
ފަސްކުރެވުނު މެޗު އަލުން ކުޅޭނެ ތާރީހެއް މިހާތަނަށް އިޢުލާނުކޮށްފައި ނުވި ނަމަވެސް ކުރިއަށް އޮތް އަންގާރަ ދުވަހު ބާސެލޯނާއިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާއެކު ކުޅެން ހަމަޖެހިފައިވާ މެޗަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ފުރަތަމަ ލެގުގައި ބެންފީކާގެ ދަނޑުގައި ބާސެލޯނާއިން 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފައިވެ އެވެ. އަދި އަންނަ މެޗުން ކާމިޔާބު ހޯދާ ޓީމަކަށް ކުއާޓަ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.