ކުޅިވަރު

މިލާންގެ ކޯޗަކަށް ލައިޕްޒިގްގެ ކުރީގެ ކޯޗް

އަންނަ ސީޒަނުން ފެށިގެން އޭސީ މިލާންގެ ކޯޗް ކަމާ ހަވާލުވާން، ލައިޕްޒިގްގެ ކުރީގެ ކޯޗް ޖަރުމަންގެ ރަލްފް ރަންނިކް އެއްބަސްވެއްޖެ އެވެ.

އޭސީ މިލާން އިން ވަނީ ރަންނިކް އާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މިހާރު އޭނާ މިލާން އާ އެކު ވާހަކަ ދައްކަނީ ކޯޗިން ރޯލާއެކު ސްޕޯޓިން ޑައިރެކްޓަރުގެ މަގާމު ވެސް އޭނާ އާ ހަވާލު ކުރުމާ މެދުގަ އެވެ. ސްޕޯޓިން ޑައިރެކްޓަރުގެ މަގާމުގައި މިވަގުތު ހުރީ މިލާންގެ ލެޖެންޑް ޕައުލޯ މަލްޑީނީ އެވެ.

ރަންނިކް،62 ވަނީ ލައިޕްޒިގްގެ ހިއްސާ އޮންނަ ދެ ޓީމު ކަމަށްވާ ލައިޕްޒިގް އާއި ސަލްޒްބާގްގެ ސްޕޯޓީން ޑައިރެކްޓަރުގެ މަގާމު ކުރިން އަދާ ކޮށްފަ އެވެ. މިދިޔަ އަހަރުގެ ހޫނު މޫސުމުން ފެށިގެން ރެޑުބުލް ކުންފުނީގައި އޭނާ މަސައްކަތް ކުރަމުން އަންނަނީ ސްޕޯޓް ޑިވްލަޕްމެންޓްގެ ވެރިއެއްގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، މުޅި ކުލަބުގެ ހުރިހާ އޭރިއާއެއް ޑިވްލަޕް ކުރުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ. މިލާންގެ ސްޕޯޓިން ޑައިރެކްޓަރުގެ ޒިންމާތައްވެސް އޭނާ ބޭނުން ވަނީ އެހެންވެ ކަމަށް ބެލެވެ އެވެ. ކޯޗިން ފިލޯސަފީގައި އޭނާ ބިނާ ކުރަނީ ހަލްވި އެޓޭކިން ގޭމެއްގެ މައްޗަށެވެ. ލައިޕްޒިގް އަށް ކޯޗް ކޮށްދިނުމުގެ ކުރިން އޭނާ ވަނީ، ޝާލްކޭ އާއި ހޮފެންހަމްއަށް ވެސް ކޯޗް ކޮށްދީފަ އެވެ.

މިލާއިން ވަނީ އެ ޓީމުގެ މިހާރުގެ ކޯޗް ސްޓެފަނޯ ޕިއޮލީ ސީޒަން ނިމުމުން ދޫކޮށްލަން ނިންމާފަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު އެ ޓީމުގެ ގެ ކޯޗްގެ މަގާމަށް ޕިއޯލީ، ހަމަޖެއްސީ މިލާންގެ ކޯޗް ކަމުގައި އޭރު ހުރި، ޖެނާރޯ ގަޓޫސޯ ވަކި ކުރުމަށް ފަހު އެވެ. ގަޓޫސޯ ވަނީ ޑިސެމްބަރު މަހު ނަޕޯލީގެ ކޯޗް ކަމާ ހަވާލުވެ އެ ޓީމާއެކު ކުރި އެރުން ހޯދާފަ އެވެ. މިދިޔަ މަހު އިޓަލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސް ބަލިކޮށް ނަޕޯލީއަށް ގަޓޫސޯ ވަނީ ހޯދައިދީފަ އެވެ.