އިންޑިޔާގެ މީރަޓްގެ ހޮސްޕިޓަލެއްގެ މުވައްޒަފަކު ކޮވިޑް-19 އިގެ ނެގެޓިވް ރިޕޯޓް ތައްޔާރުކޮށް ފައިސާއަށް އެ ރިޕޯޓު މީހުންނަށް ދެނިކޮށް ފަޅާއަރައިފި އެވެ.
މި މީހާ މިކަން ކުރަނިކޮށް ނަގާފައިވާ ވީޑީއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. މި ވީޑިއޯގައި ފެންނަނީ ބަޔަކު މީހުން އެމީހާ ކައިރިއަށް ގޮސް ނެގެޓިވް ރިޕޯޓެއް ހޯދަން އެދޭ ތަނެވެ.
ހޮސްޕިޓަލުގެ މެނޭޖަރަކަށް އުޅޭ މިމީހާ އެކަމަށް އެއްބަސްވުމުން އޭނާއަށް ފައިސާ ދޭތަން ވެސް މި ވީޑިއޯގައި ފެނެ އެވެ. އަދި ނަތީޖާ ދިނުމުން އިތުރު ފައިސާ ދޭނެ ކަމަށް ވެސް މި މީހާ ކައިރީގައި ބުނާ މަންޒަރު ފެނެ އެވެ.
މިހާ ބޮޑު ބަލިމަޑުކަމެއް ދުނިޔެއަށް ކުރިމަތިވެފައިވާއިރު ވެސް ބައެއް މީހުން ކޮރަޕްޝަންގެ އަމަލުތައް ހިންގަން އެއްވެސް ޖެހިލުމެއް ނުވާކަން މި ވީޑީއޯއިން ސާބިތު ވެއެވެ. ސިއްހީ މަސައްކަތްތެރިން ރެޔާ ދުވާލު މި ބަލިން މީހުން ސަލާމަތްކުރަން މަސައްކަތް ކުރަމުންދާއިރު އަނެއް ބަޔަކު އަމިއްލަ ފައިދާއަށް މި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ތަނަވަސް ކުރަމުންދާތަން ފެނުމުން ވަރަށް ހިތާމަހުރި އެހާމެ ހިތަށް އުނދަގޫ ކުރަނިވި މަންޒަރެއް ކަމަށް މި ވީޑިއޯ ބެލި ގިނަ ބަޔަކު ބުނެފައި ވެއެވެ.
މި މައްސަލަ ފަޅާ އެރުމުން، މީރަޓްގެ ޗީފް މެޑިކަލް އޮފިސަރު މިހާރު ވަނީ މިކަމާ ގުޅޭ ތަހުގީގެއް ހިންގަން އަމުރު ކޮށްފަ އެވެ. އަދި ހޮސްޕިޓަލުގެ ވެރިންނާ ދެކޮޅަށް ވެސް މިހާރު ފުލުހަށް މައްސަލަތައް ވަނީ ހުށަހަޅާފަ އެވެ. އަދި ޑިސްޓްރިކްޓް މެޖިސްޓްރޭޓް ވަނީ ހޮސްޕިޓަލުގެ ލައިސަންސް ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ނަމަވެސް މި ވަގުތު އިންޑިޔާގައި ކޮވިޑް-19 ބާރަށް ފެތުރެމުންދަނިކޮށް، އެންމެ މީހަކު ކުރި ކުށެއްގެ ސަބަބުން ހޮސްޕިޓަލެއް އެއްކޮށް ސަސްޕެންޑް ކޮށްލުމުން ބަލި މީހުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެކަމަށް ބުނެ ބައެއް މީހުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.