ކުޅިވަރު

ފަހަތުން އަރާ މިލާނުން ޔުވެންޓަސް ބަލިކޮށްފި

ޔުވެންޓަސްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް އޭސީ މިލާން ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 4-2 ގެ ނަތީޖާ އަކުން މިލާން އިން ޔުވެންޓަސް ބަލި ކޮށްފި އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު އެޑްރިއަން ރެބިއޮޓް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑުތަކުން ޔުވެންޓަސް ދެ ލަނޑު ކާމިޔާބު ކުރުމުން ބެލެވުނީ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އެނބުރިގެން ދިޔަ ކަމަށެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު ރެބިއޮޓް ކާމިޔާބު ކުރީ 47 ވަނަ މިނެޓްގަ އެވެ. ރޮނާލްޑޯ ލަނޑު ޖެހީ މެޗުގެ 53 ވަނަ މިނެޓްގަ އެވެ.

އޭގެ 10 ވަރަކަށް މިނެޓް ފަހުން، އޭސީ މިލާންގެ ފުރަތަމަ ލަނޑު ޒްލަޓާން އިބްރޮހިމްވިޗް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އޭގެ ފަހުން ހަ މިނެޓްތެރޭ މިލާންއިން ވަނީ ނަތީޖާ ހަމަހަމަ ކޮށް ލީޑް ވެސް ނަގާފަ އެވެ.

މިލާން އަށް މެޗުގެ 66 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރަންކް ކެސޭ އެވެ. ޖެހިގެން ރަފޭލް ލިއޯ ވަނީ މިލާން އަށް ލީޑް ނަގައިދީފަ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި އެންޓޭ ރެބިޗް ވަނީ މިލާންގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ފަހު ކޮޅުގައި މިލާންގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ވަނީ މުހިންމު ސޭވެއް ކޯށްފަ އެވެ. ޑެނިއަލް ރުގާނީ ބޮލުން ފޮނުވާލީ ބޯޅަ ޑޮނަރުއްމާ ވަނީ އެ ބޯޅަ ސަލާމަތް ކޮށްފަ އެވެ.