ވިޔަފާރި

ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑުގެ ފުރަތަމަ ކްލެއިމް ސޮނީ ހާޑްވެއާއަށް ހަވާލުކޮށްފި

Jul 8, 2020
1

ދިވެހި އިންޝުއަރެންސުން ކްރެޑިޓަށް މުދާ ދޫކުރާ ވިޔަފާރި ތަކަށް ތައާރަފުކޮށްފައިވާ "ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑް" ގެ ފުރަތަމަ ކްލެއިމް ސޮނީ ހާޑްވެއާ އަށް ހަވާލު ކޮށްފި އެވެ.

ދިވެހި އިންޝުއަރެންސް ކުންފުނިން ބުނީ ސޮނީ އަޖުމަ ބަލައިލަން ތައާރަފު ކޮށްފައިވާ މި ޕްރޮޑަކްޓް ސޮނީ ހާޑްވެއާއާ ހަވާލު ކުރުމުން އެ ކުންފުނީގެ ޕްރޮޑަކްޓް ތަކަށް އޮތް އިތުބާރު އެނގޭ ކަމަށެވެ. މި ސްކީމް ފަރުމާކޮށްފައި ވަނީ ކްރެޑިޓަށް މުދާ ދޫކުރާ ފަރާތްތަކުގެ މުދާ ރައްކާތެރިކޮށް ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވާނެ ގޮތަކަށެވެ.

ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑުގެ ފުރަތަމަ ކްލެއިމް ލިބުނު، ސޮނީ ހާޑްވެއާގެ، އެކައުންޓް އެސިސްޑެންޓް އިބްރާހިމް ޝިފާން ވިދާޅުވި ގޮތުގައި މި ޕްރޮޑަކްޓަކީ ރާއްޖެ ފަދަ ގައުމަކަށް މުހިންމު ހިދުމަތެކެވެ.

"ވަރަށް ބޮޑު ޔަގީންކަމެއް [ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑް] އިން ދެ ފަރާތައް ވެސް ލިބިގެންދޭ. އަޅުގަނޑުމެންނަކީ ފުދޭ ވަރަކަށް ގިނައިން ކްރެޑިޓަށް މުދާ ދޫކުރާ ކުންފުންޏެއް. އެހެންވެ، މުދާ ނަގާ ފަރާތުން ކަންޑައަޅާފަ އިންނަ ތާރީހަށް ނުދެއްކިއްޖެ ހާލަތެއްގައި އިންޝުއަރެންސް ކުންފުނިން ކްލެއިމް [ބަދަލު] ލިބޭނެ. އެހެންވެ، މިއީ ލިބޭ ވަރަށް ބޮޑު ޔަގީން ކަމެއް،" ޝިފާން ވިދާޅުވި އެވެ.

އިންޝުއަރެންސް ވިޔަފާރީގައި ދިވެހި ޓީމަކާއެކު، މަސައްކަތް ކުރާ ދިވެހި އިންޝުއަރެންސް ކުންފުނިން ބުނީ "ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑް" ތައާރަފު ކޮށްފައިވާ މި ސްކީމަކީ ދަތި މި ހާލަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކްރެޑިޓަށް މުދާ ނެގޭ ޕޮލިސީ އެކެވެ.

އެ ކުންފުނިން ބުނީ ދުނިއެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ވަރަށް ގިނަ ވިޔަފާރިތަކަށާއި ގައުމުގެ އިގްތިސޯދަށް ނޭދެވޭ އަސަރު ތަކެއް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ތައާރަފު ކުރި ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑަކީ ކްރެޑިޓަށް މުދާ ދޫކުރަން ބޭނުންވާ ވިޔަފާރި ތަކަށް ފައިސާ އަންބުރާ ލިބޭނެކަން ކަށަވަރުކޮށް ދޭ ގެރެންޓީ ޕޮލިސީ އެއް ކަމަށެވެ.

ދިވެހި އިންޝުއަރެންސް ކުންފުނިން ތައާރަފުކުރި "ޓްރޭޑް ކްރެޑިޓް ބޮންޑް" ނަގައިގެން ރާއްޖޭގެ މަޝްހޫރު ގިނަ ކުންފުނި ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ޕޮލިސީ ނަގާފައިވާ މަޝްހޫރު ބައެއް ކުންފުނިތަކުގެ ތެރޭގައި ސޮނީ ހާޑްވެއާ އާއި އެޕޯލޯ ހޯލްޑިންގްސް އަދި އެލްބިއަން ސްޓޯރާއި ސްޓީލް ހާޑްވެއާ ހިމެނެ އެވެ.