ދުނިޔެ

އިންޑިއާގައި ހަރުފަ ވިހަލައިގެން 1.2 މިލިއަން މަރު

Jul 8, 2020
1

ނިއު ދިއްލީ (ޖުލައި 8) - އިންޑިއާގައި ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ހަރުފަ ވިހަލައިގެން 1.2 މިލިއަނެއްހާ މީހުން މަރުވެފައިވާކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުން، ހަރުފަ ވިހަލައިގެން މަރުވެފައިވާ ދެ ބައި ކުޅަ އެއްބައި މީހުންނަކީ އުމުރުން 30 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވައިޕާ، ކްރެއިޓްސް އަދި ކޯބްރާ ވިހަ ލައިގެން ކަމަށެވެ. އަދި ބާކީ މަރުތަކުގެ ފަހަތުގައި ތަފާތު 12 ބާވަތެއްގެ ހަރުފަ ހިމެނޭކަމަށް އެ ދިރާސާގައި އިތުރަށް ބުންޏެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެހާ ގިނަ އަދަދެއްގެ މީހުން މަރުވެފައިވަނީ، ދުރު ހިސާބުތަކުގައި ހިނގި ހާދިސާތަކަށްފަހު ސިއްހީ ފަރުވާލަސްވެގެން ކަމަށެވެ.

ހަރުފަ ވިހަލުމަށް މުޅި ދުނިޔޭގެ ސަމާލުކަން އިތުރު ކުރަންޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާ އިން ލަފާކުރާ ގޮތުގައި، މުޅި ދުނިޔޭގައި ހަރުފަ ވިހަލައިގެން އަހަރަކު 81،000 އާއި 138،000 ދެމެދުގެ އަދަދަކަށް މީހުން މަރުވެ އެވެ.

އަދި އޭގެ ތިން ގުނަ މީހުން ސަލާމަތްވި ނަމަވެސް، މުޅި އުމުރަށް ނުކުޅެދުންތެރިކަމެއް ތަހައްމަލު ކުރަންޖެހޭކަމަށްވެސް ޑަބްލިޔުއެޗްއީ އިން ބުނެފައިވެ އެވެ.