ލިވަޕޫލް

ޓްރާންސްފާއަށް ފަހިކުރަން ލަލާނާއަށް ފުރުސަތު ނުދޭނެ

ޓްރާންސްފާއަށް ފަހި ކުރަން، ސިޒަންގެ ބާކީ އެއްވެސް މެޗަކުން ލިވަޕޫލްގެ މިޑްފީލްޑާ އެޑަމް ލަލާނާއަށް ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

ޖޫން 30 އަށް ކޮންޓްރެކްޓް ހަމާވާން އޮތް ލަލާނާ ވަނީ ކުރު މުއްދަތަކަށް ލިވަޕޫލްގެ މަޑުކުރަން ކުލަބާއެކު އެއްބަސް ވެފަ އެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސް އަށް ފަހު އަލުން ލީގު ފެށި ފަހުން ލިވަޕޫލްގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދީފައި ނުވެ އެވެ. އުމުރުން 32 އަހަރުގެ ލަލާނާ އަށް ކްލޮޕް ނިސްބަތް ކުރީ ލެޖެންޑްގެ ނަމުންނެވެ.

ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ބަދަލުވާނެ ކަމަށް ބެލެވެނީ ލެސްޓާ ސިޓީ އަށެވެ. ސައުތުހެމްޓަން އިން 2014 ވަނަ 25 މިލިއަން ޔޫރޯއަށް ލިވަޕޫލަށް ބަދަލުވި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑާ ވަނީ ލިވަޕޫލަށް 178 މެޗުގައި ކުޅެފަ އެވެ. ލީގްގައި ބާކީ އޮތް ފަސް މެޗަށްވެސް ލަލާނާ ސްކޮޑުގައި ހިމެނުމުގެ ވިސްނުމެއް ކްލޮޕް ނުގެންގުޅެ އެވެ.

"ޓްރާންސްފާ ފެށޭއިރަށް އެޑަމް [ލަލާނާ] ޓީމު ދޫކޮށްލާނެކަން ވަރަށް ސާފު، އޭނާ ނެތުމުން އަހަރެންވެސް މިސް ވާނެ، މިވަގުތު އޭނާ ކުލަބުގައި ހުއްޓަސް އަހަރެމެން އެންމެން މިސްވޭ، ޓްރެނިންގައި އޭނާ އަކީ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާގެ ގޮތުގައި އަހަންނަށް މިހާތަނަށް ފެނުނު ކުޅުންތެރިޔާ، އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިޔެއް," ކްލޮޕް ވާހަކަ ދެއްކި އެވެ.

"ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް އެހެން ކުޅުންތެރިންނާއެކު ކުރިއަށް ދޭ، އެހެންނަމަވެސް އޭނާ އާއެކު ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކެއް ކުރިއަށް ނުގެންދަން، އޭނާގެ ކުރިމަގަށް ހުރަސް އެޅޭ އެއްވެސް ރިސްކެއް އަހަރެމެން ނަގާކަށް ބޭނުމެއް ނޫން، އޭނާ ހުރީވެސް ފިޓްކޮށް، ޕްރެކްޓިހުގައިވެސް 100 ޕަސަންޓް ދޭ."

ކްލޮޕް ބުނީ ލަލާނާ އަކީ ލެޖެންޑަކަށް ވާއިރު އެހެން ކުލަބަކަށް އޭނާ ދިޔަޔަސް ހަމަ އެ ކުލަބެއްގައިވެސް އެފެންވަރުގައި އޭނާ ކުޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.