ޕާކިސްތާން

އެތުލެޓިކޯ އެކެޑެމީގެ ކޯޗް ޕާކިސްތާންގެ އެފްއޭއަށް

ޕާކިސްތާންގެ ފުޓްބޯލް ފެޑްރޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރަކަށް، އެތުލެޓިކޯ މެޑްރިޑްގެ އެކެޑެމީގެ ކޯޗް ޑިނިއަލް ލިމޮނޭޒް ހަމަޖައްސައިފި އެވެ.

ސްޕޯޓްސް މެނޭޖުމެންޓުން މާސްޓާސް ހާސިލު ކޮށްފައިވާ ލިމޮނޭޒް ޕާކިސްތާންގެ ފެޑްރޭޝަންގެ ޓެކެނިކަލް ޑައިރެކްޓަރަކަށް ހަމަޖެއްސީ މިއަހަރު ނިޔަލަށެވެ. ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަނަށް ފީފާއިން އައްޔަން ކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ހަމްޒާ ހާން ވިދާޅުވީ، ލިމޮނޭޒް އާއެކު ޕީއެފްއެފުން މަސައްކަތް ކުރާނީ ޕާކިސްތާންގެ ފުޓްބޯޅަ ކޮޅަށް ނެގުމަށް ރޯޑް މެޕް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

"މި އައްޔަން ކުރި މަގާމަކީ ރަނގަޅު މިސްރާބަކަށް ގެންގޮސްދިއުމުގެ ފެށުމެއް، އަހަރެމެން އުންމީދު ކުރަނީ ޕާކިސްތާންގެ ފުޓްބޯޅަ ކޮޅަށް ނެގުމަށް ލިމޮނޭޒްގެ ސަބަބުން އިތުރު ކުރިއެރުމެއް އަންނާނެ ކަމަށް،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކިސްތާންގެ ފުޓްބޯޅަ ކުރި އެރުވުމަށް ބޭނުންވާ ސްޓްރެޓެޖީތަކެއް ލިމޮނޭޒް ރާވާނެ ކަމަށެވެ. އެ މަގާމަށް ހަ މަހުގެ އެއްބަސްވުމުގެ ދަށުން އޭނާ އައްޔަން ކުރީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ނިމެންދެން ކަމަށް ހަމްޒާ ހާން ވިދާޅުވި އެވެ.

އަދި އެއަށް ފަހު އިންތިހާބުވާ އެގްޒެކެޓިވް ކޮމިޓީއަކުން ބޭނުންނަމަ ލިމޮނޭޒް އާއެކު ކުރިއަށް ދާންވީ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގާމާ ހަވާލު ވުމަށް ފަހު ލިމޮނޭޒް ބުނީ އޭނާގެ އެންމެ ބޮޑު ފޯކަސް އަކީ ގްރާސް ރޫޓާއި ކޯޗުން ބިނާ ކުރުން ކަމަށެވެ.

"ރަނގަޅު ކޯޗުން ބިނާ ނުކޮށް އެއްވެސް ގައުމަކަށް ފުޓްބޯޅައިގައި ކުރިއަކަށް ނުދެވޭނެ،" ލިމޮނޭޒް ބުންޏެވެ.

"އަހަރެމެންގެ ތެރޭގައި ފުޓްބޯޅައިގެ ހުނަރު އެބައޮތް، އަހަރެމެން ފަށަން އެބަޖެހޭ ގްރާސް ރޫޓުން، ގްރާސް ރޫޓަށް ރަނގަޅު ކޯޗުން ތަމްރީން ކޮށްގެން އަހަރެމެން ކުރިއަށް ދާނީ."

އޭނާ ބުނީ ޕާކިސްތާންގެ ފުޓްބޯޅައިގެ ސްޓައިލްގެ އައިޑެންޓިޓީއެއް އޭނާ ކަނޑައަޅާނެ ކަމަށެވެ. "ޕޮޒެޝަން ހިފެހެއްޓުމާއި ޕާސިން އާއި އެޓޭކިންގެ މައްޗަށް ގްރާސް ރޫޓްވެސް ބިނާ ކުރާނީ."