ކުޅިވަރު

ޕާކިސްތާންގައި ފްރެންޗައިޒް ލީގެއް ހަދަން ހުށަހަޅައިފި

ޕާކިސްތާންގައި ފްރެންޗައިޒް ފުޓްބޯޅަ ލީގެ ތައާރަފު ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް އެ ގައުމުގެ ވިޔަފާރިވެރިޔަކު އެކަމަށް ހުށަހަޅައިފި އެވެ.

ކުރިން ފުޓްބޯޅަ ވެސް ކުޅުނު، ޕާކިސްތާންގެ ވިޔަފާރިވެރިޔާ، ޝާހިދު ޚާން ޝިންވާރީ ހުށަހަޅާފައި ވަނީ އެއް ބިލިއަން ޕާކިސްތާން ރުޕީ (6.25 މިލިއަން އެމެރިކާ ޑޮލަރުގެ) ވެލިއު ހުރި ލީގެއް ތައާރަފު ކުރުމަށެވެ. ޕާކިސްތާން އަފްޣާނިސްތާންގެ ސެންޓްރަލް އޭޝިއާ ޓްރޭޑް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރަމުން އަންނަ ޝާހިދު ބުނީ، ފްރެންޗައިޒް ލީގް ތައާރަފު ކުރުމަށް ފަހު އެކަން ފުރިހަމަ ކުރުމަށްޓަކައި ޕާކިސްތާނާއި ބޭރު ގައުމުގެ ވިޔަފާރިތައް ވެސް އިންވެސްޓް ކުރަން ގެނެވޭނެ ކަމަށެވެ.

ޕާކިސްތާން އެއާފޯސް ޓީމަށް ކުރިން ކުޅުނު، ސްޓައިކަރު ބުނީ ފުޓްބޯޅައިން ޕާކިސްތާންގެ އިގްތިސޯދަށް ވެސް އެހީތެރިކަން ހޯދޭނެ ކަމަށެވެ. އޭނާ ވަނީ ކަމާ ގުޅޭ އިދާރާތަކުން އެކަމުގެ ހުއްދަ އޭނާ އަށް ދިނުމަށް އެދިފަ އެވެ.

"ފުޓްބޯޅައިން ޕާކިސްތާނަށް ބޮޑު ބަދަލެއް ގެނެވޭނެ، ފްރެންޗައިޒް ލީގެއް ޕާކިސްތާނަށް ގެނައުމަކީ އަހަންނަށް ކުރެވޭނެ ކަމެއް، އެހެންނަމަވެސް ލީގްގެ އޮނާޝިޕް އޮންނަން ވާނީ އަހަރެންގެ އަތުގައި، ޕާކިސްތާން ފުޓްބޯޅަ ފެޑްރޭޝަނުން ޓެކްނިކަލް ސަޕޯޓް ފޯރުކޮށް ދޭން ވީ،" ޕާކިސްތާންގެ ދަ ނިއުސް އަށް ދިން އިންޓަވިއުގައި ޝާހިދު ބުންޏެވެ. "ގައުމުން ބޭރުންވެސް ލީގަށް ފަންޑު ކުރުމަށް ކުންފުނިތައް ގެނެވޭނެ ކޮންޓެކްޓް އަހަރެން އަތުގައި އެބަހުރި ކޮންމެވެސް ދުވަހަކުން އަހަރެން އެކަން ހާސިލު ކުރާނަން."

ސަބްކޮންޓިނެންޓްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޕާކިސްތާންގައިވެސް ކްރިކެޓްގެ ފޯރި ގަދަ އެވެ. ޝާހިދު ބުނީ، ޕާކިސްތާންގެ ފުޓްބޯޅަ ސުޕަ ލީގް 300 މިލިއަން ރުޕީގެ އަގުރި ލީގެއް ބިނާ ކުރަން އޭނާ މަސައްކަތް ކުރި ކަމަށާއި ފީފާއިން ލިބެން ޖެހޭ ހުއްދަތައް ލިބުނު ނަމަވެސް އެކަން ނުވީ އޭރު ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގައި އޮތް އަރާރުން ތަކާ ހެދި ކަމަށެވެ.