ފީފާ

ފަސް އަހަރު ތެރޭ ޕާކިސްތާންގެ ދެވަނަ ސަސްޕެންޝަން

ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަންގެ އޮފީސް، ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީ އާ ހަވާލު ނުކުރުމުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ޕާކިސްތާން ސަސްޕެންޑް ކޮށްފި އެވެ.

ޕާކިސްތާންގެ ފުޓްބޯޅައިގެ ރައީސް ކަމަށް ޝައުގުވެރިވާ، ސައްޔިދު އަޝްފާގް ހުސައިން ޝާހްގެ ލޮބީ ގުރޫޕުން ވަނީ ލާހޫރުގައި ހުންނަ ޕީއެފްއެފްގެ އޮފީހަށް ވަދެ އެތަނުގެ ކޮންޓްރޯލް ހޯދާފަ އެވެ. ފީފާއިން ޕާކިސްތާން ސަސްޕެންޑް ކުރީ ތިން ވަނަ ފަރާތެއްގެ ނުފޫޒު ޕާކިސްތާންގެ ފުޓްބޯޅައަށް ވަދެފައިވާ ކަން ފާހަގަ ކުރަމުންނެވެ.

ޕީއެފްއެފްގެ އޮފީސް ނޯމަލައިޒޭޝަން ކޮމިޓީ އާ ހަވާލު ކުރުމަށް، ފީފާއިން ވަނީ އެކި ފަހަރުމަތިން ވަގުތު ދީފަ އެވެ. އިއްޔެ އާ ހަމައަށް ވެސް އޮފީސް ހަވާލު ނުކުރުމުން ފީފާއިން އިއްޔެ ވަނީ، ސަސްޕެންޑް ކޮށްފަ އެވެ. މިއީ ފަސް އަހަރު ތެރޭ ޕާކިސްތާންގެ ފުޓްބޯޅަ ސަސްޕެންޑްވި ދެ ވަނަ ފަހަރެވެ.

ފީފާއިން ބުނީ، ސަސްޕެންޝަން އުވިގެން ދާނީ، އޮފީހާއި ޕީއެފްއެފްގެ އެކައުންޓުތައް ނޯމަލައިޒޭޝަން ކޮމިޓީ އާ ހަވާލު ކުރުމުންނެވެ.

ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް ޕާކިސްތާންގެ ފުޓްބޯޅަައަށް ހަމަޖެއްސީ ސެޕްޓެމްބަރު 2019 ގަ އެވެ. އޭގެ ކުރިން 2017 އިގެ އޮކްޓޯބަރުން ފެށިގެން މާޗް 2018 އަށް ސަސްޕެންޑް ކުރި އެވެ. އެއީ އޭރު ޕީއެފްއެފްގެ ރައީސް ފައިސަލް ހައްޔާތުގެ ބާރު ކަނޑުވާލައި ސްޕްރީމް ކޯޓު މެދުވެރިކޮށް ޕީއެފްއެފްގެ ހިންގުމަށް ކޮމިޓީ އަކާ ހަވާލު ކުރުމުންނެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓު ބެލުމުގެ ދަށުން އިންތިހާބެއް ބާއްވައި ސައްޔިދު އަޝްފާގް ހުސައިން ޝާހް ރައީސް ކަމަށް ހޮވި އެވެ.