ހަތަރު އަހަރު ވަންދެން މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ޕާކިސްތާންގެ ފުޓުބޯޅަ ފެޑްރޭޝަން ހިންގަން ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަން ކޮށްފި އެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ، ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަނަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރީ، ސިޔާސީ ފަރާތްތަކާއި ޝަރުއީ ކޯޓުތަކުންނެވެ. ޕާކިސްތާންގެ ސްޕްރީމް ކޯޓުން އިސްނަގައިގެން އިންތިހާބެއްވެސް ބޭއްވި އެވެ.
ވޭތުވެދިޔަ ސޯޅަ އަހަރު ޕާކިސްތާންގެ ފެޑްރޭޝަންގެ އިސްވެރިޔަކަށް ހުރި ފައިސަލް ސަލާހް ހައްޔާތުއާ ދެކޮޅަށް ޕާކިސްތާންގެ ފުޓްބޯޅައިގެ އެކި ފަރާތްކތަކުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ޕާކިސްތާންގެ ފުޓްބޯލް ފެޑްރޭޝަންގެ އިސްވެރިޔެއްގެ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން ހުރީ އޭނާ އެވެ.
އޭނާ އަށް ކުރެވޭ ތުހުމަތުގެ ތެރޭގައި، 2015 ވަނަ އަހަރު ބޭއްވި އިންތިހާބު އޮޅުވާލައިގެން ފެޑްރޭޝަންގައި ހުންނެވުމޢި ފީފާ އާއި އޭއެފްސީން ދޭ ފަންޑު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވިފައި ވެއެވެ. އަދި ޕާކިސްތާންގައި އިންޓަނޭޝަނަލް މެޗުތައް ކުޅޭވޭ ފެންވަރުގެ އެންމެ ސްޓޭޑިއަމެއްވެސް ނެތުމަކީ ސާލްހް ޒިނާމާ ނަގަން ޖެހޭ ކަމެއް ކަމަށް ޕާކިސްޓާްގެ ފުޓްބޯޅައިގެ އެކި ފަރާތްަކުން ބުނެ އެވެ.
ބޮޑެތި ތުހުމަތުތަކާއެކުވެސް، ޕީއެފްއެފްގެ މަގާމުގައި ސަލާހް ހައްޔާތު ހުންނެވީ، ފީފާ އާއި އޭއެފްސީގެ އެއްބާރުލުން ލިބިގެންކަން ފާހަގަ ކުރެވެއެވެ. ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަން ކުރީ، ފީފާ އާއި އޭއެފްސީން ހާލަތު ދިރާސާ ކުރަން ފޮނުވި ފެކްޓް ފައިޑިން ކޮމިޓީގެ ރިޕޮޓަށް ބިނާކޮށެވެ.
ޕީއެފްއެފްއަށް އައްޔަން ކުރި، ނޯމަލައިޒޭޝަން ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ، ޕާކިސްތާންގެ ފެޑްރޭޝަން ދުވަހުން ދުވަހަށް ހިންގުން، ޕާކިސްތާންގެ ފުޓްބޯޅަ ކުލަބުތައް ހަރުދަނާ ކޮށް ކުލަބުތަކުގެ ރަސިސްޓްރޭޝަން ގާއިމު ކުރުން، ފެޑްރޭޝަންގެ އިންތިހާބު ހަރުދާނާ ކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުން އަދި އޭގެ ކުރިން ޕާކިސްތާންގެ ފުޓްބޯޅައިގެ ސަރަހައްދީ އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމެވެ.