ލާޒިއޯ އާއި ލެއްޗޭ ކުޅުނު މެޗުގައި، ލެއްޗޭގެ ޖޫލިއޯ ޑޮނާޓީގެ ގައިގައި ލާޒިއޯގެ ޑިފެންޑަރު ޕެޓްރިކް ދަތް އެޅުމުން ހަތަރު މެޗަށް އޭނާ ސަސްޕެންޑް ކޮށްފި އެވެ.
އޭރު ރެލިގޭޝަން ޒޯންގައި އޮތް ލެއްޗޭ އަތުން 2-1 ން ލާޒިއޯ ބަލިވާން ދިޔަ މެޗުގެ ފަހު ވަގުތުގައި ޕެޓްރިކް ވަނީ ޑޮނާޓީ އަތުގައި ދަތް އަޅާފަ އެވެ. އޭ ގެ ފަހުން ޕެޓްރިކް މާފަށް އެދުނު ކަމަށް ޑޮނާޓީ ވަނީ ބުނެފަ އެވެ.
"އޭނާ އަހަންނަކަށް އެއްވެސް ކަމެއް ނުކުރޭ، އޭނާ ވަގުތުން މާފަށް އެދުނު،" މެޗަށް ފަހު ވާހަކަ ދައްކަމުން ޑޮނާޓީ ބުންޏެވެ. "އަހަންނަށް އެނގޭ އެކަހަލަ މެޗަކުން ބަލިވާން ދިއުމުން ހުންނާނެ އިހްސާސްތައް، އެހެންވީމަ އަހަންނަށް އެނގޭ ޕްޓްރިކްއަށް ވާނެ ގޮތް."
އެ ހާދިސާ އާ ގުޅިގެން ޕެޓްރިކް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.
"އެހެންވީމަ އަހަރެން އެދެން އޭނާ އާ މެދު ޖަޖް ކުރުމުގެ ކުރިން ވަރަށް ދުރަށް ވިސްނުން، ލާޒިއޯ ކުޅުންތެރިން ވެއްޖެއްޔާ އަހަރެން ކައިރިން މާފަށް އެދުނު އެކަމަކު ސަމްޕްޑޯރިއާ އާ ދެކޮޅަށް ކުޅުނު މެވުގައި [ފެޑްރީކޯ] ބޮނަޒާލީ ކޮޅުފައިން ޖަހާފައި މާފަށް ނޭދުނީމަ އަހަރެން ދެރަވީ."
ހަތަރު މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރަށް ޕެޓްރިކް ވަނީ 10،000 ޔޫރޯއިން ޖޫރިމަނާ ކޯށްފަ އެވެ. އޭނާއަށް ގެއްލޭނެ މެޗުތަކަކީ ސަސުލޯ، އުޑިނޭޒީ، ކަލިއަރީ އަދި ޔުވެންޓަސް އާ ދެކޮޅަށް ކުޅޭ މެޗެވެ. އިޓާލިއަން ލީގްގެ ޗެމްޕިއަން ޓީމު ކަނޑައެޅިގެންދާ މެޗަށް އެ މެޗު ވުމަކީ ގާތުގައިވާ ކަމެކެވެ.