ހަބަރު

ތުހުމަތު ސީރިއަސް، ޖެހޭނީ މަގާމުން ވަކިކުރަން: އުޝާމް

ވަޒީރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް ޖިންސީ ގޯނާ ފަދަ ސީރަައަސް ތުހުމަތު ތަކެއް ކުރެވުމުން އިސްތިއުފާ ދިނުމަށް އެންގެވުމުގެ ބަދަލުގައި އެންމެ ރަނގަޅުގޮތަކީ ވަގުތުން މަގާމުން ވަކި ކުރެއްވުން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ އަންގަވާފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގެ ތެރޭގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަޅާފަ ކަމަށެވެ. އެ ތުހުމަތު ތަކާއި ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް، އަލީ ވަހީދަށް އަންގަވާފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.

އެކަމާއި ގުޅޭގޮތުން މަޖިިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރިން އޭޖީގެ ނާއިބުކަން ކުރައްވާފައިވާ އަހުމަދު އުޝާމް ވިދާޅުވީ ވަޒީރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް ޖިންސީ ގޯނާ ފަދަ ސީރަައަސް ތުހުމަތު ތަކެއް ކުރެވުމުން އިސްތިއުފާ ދިނުމަށް އެންގެވުމުގެ ބަދަލުގައި އެންމެ ރަގަޅުގޮތަކީ ވަގުތުން މަގާމުން ވަކިކުރެއްވުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދު، އެ މިނިސްޓްރީގައި މިހާރު މަސައްކަތް ކުރަމުންދާ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމާއި އެކަމަށް ޖިނާއީ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަން އަވަސްއަށް ވަނީ އެނގިފައެވެ.

އަދި މިރޭ އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފައެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ މިރޭ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. އެހެންވެ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީއިން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް މިރޭ ބުނެފަ އެވެ. މިކަން އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ހުށަހެޅީ ވެސް ޖެންޑާ މިނިސްޓަރު އައިޝާ ދީދީއަށެވެ.

އެއަށްފަހު ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ހަވީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ގޮސް އަލީ ވަހީދުގެ ފަރާތުން ދިމާވި ބިރުވެރި ކަންކަމުގެ ވާހަކަ ބައެއް މުވައްޒަފުން ރައީސްއާ ހިއްސާކޮށްފަ އެވެ. އެ މުވައްޒަފުން ރައީސް އޮފީހަށް ދިޔައީ އެ ވާހަކަތައް ރައީސް ސޯލިހު، ސީދާ މުވައްޒަފުންގެ ފަރާތުން އަޑުއަހަން ބޭނުންވެގެންނެވެ.