ރާއްޖެ ކުޅިވަރު

އެމްބީއޭ ޗެމްޕިއަންޝިޕް ރެޑްލައިން ކާމިޔާބުކޮށްފި

Oct 2, 2015

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރެޑްލައިން ކުލަބު މިރޭ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު އެ ޓީމު ކާމިޔާބު ކުރީ ޓީރެކްސްއާ ވާދަކޮށް 94 – 87 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި ރެޑްލައިން މެޗުގެ ގިނަ ވަގުތު ކުރީގައި އޮތްއިރު ޓީރެކްސްގެ ފަރާތުން ފެނުނީ ސްކޯނުކުރެވިގެން އުޅުނުތަނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ ރެޑްލައިނުގެ އަހުމަދު އަފްޝަން ރަޝާދެވެ. އެންމެ މޮޅު ކޯޗަކީ ރެޑްލައިނުގެ އަހުމަދު ފަޔާޒެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިއަކަށާއި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ރެޑްލައިންގެ މުހައްމަދު ޒިލާލެވެ. އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކީ ޓީރެކްސްގެ އިބްރާހީމް ރަޝްވާނެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވުނީ ރެޑްލައިނުގެ އަލީ ފަޒްލީ އެވެ.

މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މިއަދު ހަވީރު ހޯދީ ދަ ގޭންގެވެ. އެ ޓީމު ފައިނަލްގައި މޮޅުވީ މައްޗަންގޯޅި ވިމެންސް ސްޕޯޓްސް ކުލަބު އަތުން 68-19 ޕޮއިންޓުންނެވެ. މިހާ ބޮޑު ތަފާތަކުން އެ ޓީމު މެޗު ކާމިޔާބުކުރިއިރު މުބާރާތުގެ މުހިންމު ހުރިހާ ވަނަތަކެއް ވެސް ހޯދީ ދަގޭންގްގެ ކުޅުންތެރިންނެވެ. މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ކުޅުންތެރިއަކަށާއި އެންމެ މޮޅު ކުޅުންތެރިއަކަށް ދަ ގޭންގްގެ ފާތިމަތު ރިޝްމާ އެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިއަކީ އާމިނަރު އިސްރާއު އެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކީ އާމިނަތު ޝިއުރާ އެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކީ މައްޗަންގޯޅި ޓީމުގެ ހުސްނާ މުހައްމަދެވެ.