ލައިފްސްޓައިލް

އޮޅިގެން އިތުރު ފަސް އަހަރު ޖަލުގައި!

ސަމޯއާގެ މީހަކު ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ މުއްދަތު ހަމަވެ ފަސް އަހަރު ފާއިތުވީ އިރުވެސް ޖަލުން ނުނެރެ ބަހައްޓައިފި އެވެ.

ސަމޯއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ބުނަނީ އެމީހާ އިތުރު ފަސް ވަރަކަށް އަހަރު ޖަލުގައި ބެހެއްޓުނީ އަރާފައިވާ އޮޅުމަކުން ކަމަށެވެ. އެމީހާއަށް އިއްވާފައި ވަނީ ދެ ހުކުމެކެވެ. ޖަލުގެ އޮފިޝަލުން ހީކުރީ އެ މީހާގެ ދެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ ވަކިވަކިން ކަމަށެވެ. ނަމަވެސް އެގައުމުގެ ގާނޫނު ބުނާ ގޮތުން ދެ ހުކުމުން ކުރެ އޭނާއަށް ފުރިހަމަ ކުރަން ޖެހޭނީ ބޮޑު ހުކުމެކެވެ. އޭރުން އަނެއް ހުކުމް ވެސް ތަންފީޒު ކުރެވުނީ އެވެ.

ޑިސެމްބަރު 2015 ގައި ސިއޯ އަގާފީ 45، ހަގީގަތުގައި ޖަލުން މިނިވަން ވާން ޖެހެ އެވެ. ނަމަވެސް އެހެން މައްސަލައެއްގައި އެ މީހާ ކޯޓަށް ހާޒިރުކުރުމުން އެ ވަގުތު މައްސަލަ ބަލަން އިންނެވި ފަނޑިޔާރަށް މި އޮޅުން ފާހަގަ ވީ އެވެ.

ސަމޯއާ އޮބްޒާވާ އަށް ދީފައިވާ އިންޓަވިއު އެއްގައި ތިން ކުދިންގެ ބައްޕަ ސިއޯ ބުނީ އޭނާއަށް އިއްވާފައިވާ ދެ ހުކުމަށް އޭނާއަށް ޖަލުގައި ހޭދަ ކުރަން ޖެހޭނީ ކިހާ މުއްދަތެއް ކަމެއް ޚުދް އޭނާއަކަށް ވެސް ނޭނގެ އެވެ.

"އަހަރެން ކައިރީ އެކަކުވެސް ނުބުނޭ ކޮން އިރަކުން ކަމެއް އަހަރެން ޖަލުގައި ހުންނަން ޖެހޭ މުއްދަތު ހަމަވާނީއެއް،" ސިއޯ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޖަލުގައި ހުރިއިރު ރޭ ދުވާ ތަކުރާރު ވަމުންދާ ގޮތް އޭނާއަކަށް ނުވެސް އެނގެ އެވެ. އަދި އެއީ ކޮން އަހަރެއްގެ ކޮން މަހެއްގެ ކޮން ދުވަހެއް ކަމެއް ވެސް ވިސްނާކަށް ނޭނގެ އެވެ. އަދި ޖަލުން ނުކުމެވޭނީ ކޮން ދުވަހަކުން ކަމެއް ވެސް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ އޭނާއަށް ހުކުމުގައިވާ މުއްދަތު ތަންފީޒު ކުރަން ޖެހޭ ކަން އެކަންޏެވެ.

ސިއޯ ޖަލަށްލީ ތަން ތަން ފަޅާ ވައްކަން ކުރުމުގެ އެތައް ކުށެއް ސާބިތު ވެގެންނެވެ. މި ވައްކަންތަކަށް އޭނާއަށް އެތައް ހުކުމެއް އައިސްފައި އޮތުމުން އެ ހުކުމްތައް ތަންފީޒު ކުރުމުގައި އޮޅުންތަކެއް އެރީ އެވެ. ސިއޯއަށް ހުކުމްކުރީ ނޮވެމްބަރު 2008 ގައެވެ. އަދި އޭނާއަށް ހަގީގަތުގައި ޖަލުގައި ހުންނަން ޖެހެނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި އޮޅުން އަރައިގެން ސިއޯ އަދިވެސް ޖަލުން މިނިވަން ނުވެ ހުރިކަން ސުޕްރީމް ކޯޓު ފަނޑިޔާރަކަށް ފާހަގަ ކުރެވުނީ ޖަލުގައި ހިނގި ހަމަނުޖެހުންތަކެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ސިއޯ ކޯޓަށް ހާޒިރު ކުރުމުންނެވެ.

އޭނާ ޖަލުގައި ބަހައްޓާފައި ހުރީ ގާނޫނާ ޚިލާފަށް ކަން އެނގުމުން އޭނާ ވަގުތުން ދޫކޮށްލަން ކޯޓުން ވަނީ ފުލުހުންނަށް އަމުރު ކޮށްފަ އެވެ. އޭރު އޭނާ ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް ހަތަރު އަހަރާއި އަށް މަސް ދުވަސް ޖަލުގައި ހޭދަކޮށްފައި ވެއެވެ. އޭނާ ދޫކޮށްލިޔަސް ޖަލުގައި ހަމަނުޖެހުން ހިންގިކަމުގެ ދައުވާ އޭނާގެ މައްޗަށް މިހާރު ވަނީ ކޮށްފަ އެވެ.

ސިއޯގެ ގާނޫނީ ވަކީލު ކޯޓުގައި ބުނީ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައި ސިއޯ ޖަލުގައި އިތުރަށް ބަހައްޓާފައި ހުރި މުއްދަތަށް ބަދަލު ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސަމޯއާގެ ޖަލުގައި އިންތިހާއަށް ގައިދީން ގިނަ ވެފައި ނުބެހެއްޓޭ ކަމުގެ ޝަކުވާތައް އަބަދުވެސް ކުރަމުން ދެއެވެ. އަދި ލިޔެކިޔުންތައް ހަމައެއް ނެތުމާއި އެ އެއްޗެތި ރަނގަޅަށް ނުބެލެހެއްޓޭތީ ސިއޯ ނޫނަސް އިތުރު އެތައް ބަޔަކު މިގޮތަށް ހުކުމުގެ މުއްދަތު ހަމަވެ ޖަލުން ނުނެރި ތިބެދާނެކަމަށް ލަފާ ކުރެވޭ ކަމަށް ސިއޯގެ ގާނޫނީ ވަކީލު ބުންޏެވެ.