ކުޅިވަރު

އެވަޓަން ވަރުގަދަ ކުރަން ފަންޑު ދޭން ނިންމައިފި

އެވަޓަން ވަރުގަދަ ކުރަން ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި ފަންޑު ދޭނެ ކަމުގެ ޔަގީންކަން ކުލަބުގެ މެނޭޖުމެންޓުން ދީފައިވާ ކަމަށް، އެ ޓީމުގެ ކޯޗް ކާލޯ އަންޗެލޯޓީ ބުނއެފި އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން މާލީ ބާޒާރަށް ކުރިމަތިވެފައިާ ލޮޅުމުގެ ސަބަބުން އެ ކުލަބުން ވަނީ، އަންޗެލޯޓީ އާއި އޭނާގެ މުވައްޒަފުން އަދި ކުޅުންތެރިންގެ މުސާރަތައް ވެސް ކުޑަ ކޮށްފަ އެވެ. މިދިޔަ ސީޒަންގައި ވެސް އެަކުލަބަށް 111.9 މިލިއަން ޕައުންޑްގެ ގެއްލުން ކުރިމަތިވި އެވެ. އަދި ކޮރޯނާ ވައިރަސް އާ ގުޅިގެން މާލީ ގޮތުން އިތުރު ގޮންޖެހުންތައް އެ ޓީމަށް ކުރިމަތި ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެހެންނަމަވެސް އެ ޓީމު ޑިވެލޮޕްމެންޓްގެ މަސައްކަތް ކުރިއަށް އޮތް ޓްރާނންސްފާ ޕީރިއަޑްގައި ކުރަންޖެހޭ ކަން އެ ޓީމުން ގަބޫލު ކުރެ އެވެ. މިދިޔަ ހޯމަ ދުވަހު އެ ޓީމު ވަނީ ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެފަ އެވެ. ލިވަޕޫލް، މެންޗެސްޓާ ސިޓީ، ލެސްޓާ ސިޓީ، ޗެލްސީ އަދި އާސެަލް އަތުން ދެ ފަހަރުވެސް އެވަޓަން ބަލިވީ އެވެ.

އަންޗެލޯޓީ ބުނީ އޭނާ ބަދަލު ކުރަން ބޭނުން ވާ ކަމަކީ ކުލަބުގެ ގޭމްގެ ސިފަ އާއި އަމިއްލަ ވަންތަކަން ކަމަށެވެ.

"ކުލަބުގެ ބޯޑުން ވަނީ އަހަންނަށް ޔަގީންކަން ދީފަ އަހަރެމެން ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ފަންޑު ދޭނެ ކަމަށް،" އޭނާ ބުންޏެވެ. ޓްރާންސްފާއަށް ފަނޑު ދޭނީ ބައެއް ކުޅުންތެރިން ވިއްކަލައިގެންތޯ ނޫން ކަމަށް އަންޗެލޯޓީ ބުންޏެވެ.

އޭނާ ކުރިން ކޯޗް ކޮށްދިން ކުޅުންތެރިން އެވަޓަންއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެގޮތު ހަމޭސް ރޮޑްރިގޭޒް، ތިއާގޯ ސިލްވާ، އެޑިންސަން ކަވާނީ އަދި އެޑްރިއަން ރެބިއޯޓް އާ އެވަޓަން އާ ގުޅުވައި ޓްރާންސްފާގެ ވާހަކަތައް ދަނީ ދައްކަމުންނެވެ.

"އަހަރެމެން ބޭނުން ވަނީ ރަނގަޅު ކުޅުންތެރިން، އަހަރެމެން ސޮއި ކުރުވާނެ ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިން،" އަންޗެލޯޓީ ބުންޏެވެ. "އެ މައްސަލައެއް ނެތް، އެ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިންނަށް ވިޔަސް ނުވަތަ ސީނިއާ ކުޅުންތެރިންނަށް ވިޔަސް އަހަރެމެން ބޭނުން މޮޅު ކުޅުންތެރިން."

އަންޗެލޯޓީ ނަޕޯލީއަށް ކޯޗް ކޮށްދިން އިރުވެސް އެ ކުލަބުންވެސް ހަމޭސް ރޮޑްރިގޭޒް އާ ގުޅުވައި ޓްރާންސްފާގެ ވާހަކަތައް ފެތުރި އެވެ. އަންޗެލޯޓީ ރެއާލް މެޑްރިޑަށް ކޯޗް ކޮށްދިން އިރު ހާމެސް ވަނީ އަންޗެލޯޓީގެ ދަށުން ރެއާލްއަށް ކުޅެފަ އެވެ. ފަހުން އޭނާ ބަޔާން މިޔުނިކްގައި މަސައްކަތް ކުރިއިރުވެސް އެ ކުލަބަށްވެސް ލޯން ޓްރާންސްފާއެއްގައި ހަމޭސް ކުޅުނެވެ.

އަންޗެލޯޓީ ބުނީ ހަމޭސް އަކީ އޭނާަ ވަރަށް ޝައުގުވެރިވާ ކުޅުންތެރިޔެއް ކަމަށެވެ. ނަމަވެސް ހަމޭސް އެވަޓަންއަށް ބަދަލުވާނެ ކަމެއް ނުވާނެ ކަމެއްވެސް އަންޗެލޯޓީ ނުބުނެ އެވެ. ސްޕެއިންގެ ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން މި ސީޒަނަށް ފަހު ހަމޭސް ވިއްކާލުމަށް ރެއާލްއިން ދަނީ ތައްޔާރު ވަމުންނެވެ. އޭނާ ގަތުމަށް ރެއާލް އާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުންވެސް ވަނީ ކުރިން ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.