ކުޅިވަރު

ރިޓަޔާ ކުރަން ޖެހޭ ވަގުތު އަންނަނީ ކައިރިވަމުން

ކުޅުން ހުއްޓާލަން ޖެހޭ ވަގުތު ކައިރި ވަމުން އަންނަ ކަމަށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑްރާ ބުނެފި އެވެ.

ޖަނަވަރީ މަހު، އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގައި، ސާބިއާގެ ނޮވާކް ޖޮކޮވިޗް އަތުން ބަލިވި ފަހުން ފެޑްރާ މެޗެއް ކުޅެފަ އެއް ނުވެ އެވެ. އޭގެ ފަހުން ކުކުލުގެ ދެ އޮޕަރޭޝަނެއް ކޮށް މިއަހަރު އެއްވެސް ވަރަކަށް ނުކުޅެވޭނެ ކަން ވަނީ ޔަގީން ވެފަ އެވެ.

އޭނާ ބުނީ ޓެނިސް ނުކުޅެ ހުންނަން ޖެހުމުން އުނިކަން އިހްސާސް ކުރެވޭ ކަމަށާއި ސަޕޯޓަރުންގެ ފޯރި ނުފެންނާތީ މިސްވާ ކަމަށެވެ. އޭނާ ބުނީ އަނިޔާއިން ރަނގަޅުވެގެން ކުޅެން ނުކުމެވޭނެ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރެވޭ ކަމަށެވެ.

"އަހަރެންގެ ޕްރިންސިޕަލްސްގައި އެންމެ ފުރަތަމަ އިސްކަން ދެނީ ސިއްހަތަށް، ނަމަވެސް މިހާރު އަހަރެން މިސްވޭ ސަޕޯޓަރުންނާއި ސްޓޭޑިއަމް އަހަންނަށް މިސްވޭ." ޖަރުމަންގެ ނޫސް ޒައިޓްއަށް ދިން އިންޓަވިއުގައި ސްވިޒަލޭޏްޑަށް ނިސްބަތްވާ ފެޑްރާ 38 ބުންޏެވެ. "އަހަންނަށް އެނގޭ ކުޅުން ހުއްޓާލަން ޖެހޭ ވަގުތު ފަހަރަކަށް ވުރެ ފަހަރެއް ކައިރިވަމުން އަންނަކަން، އެނބުރި ކުޅެން ނުކުންނަށް އަހަރެން ޖެހޭނީ ކެތްތެރި ކަމާއެކު މަސައްކަތް ކުރަން، މިކަހަލަ ހާލަތެއްގައި ރިޓާޔާ ކުރުން ކައިރިވެސް ވާނެ، ނަމަވެސް އަހަރެން ބޭނުން އަދި ޓެނިހުގެ ފޯރި އިހްސާސް ކުރަން."

ސްވިޒަލޭޏްޑަށް ނިސްބަތްވާ ކުޅުންތެރިޔާ ވަނީ އޭނާގެ ކެރިއަރުގައި ގރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 20 ފަހަރު ހޯދާފަ އެވެ.