ރިޕޯޓް

ދެމަފިރިންގެ "އައިލެންްޑްް ކޭކު" ހަމަ އަސްލު!

"ދުވަހަކުވެސް މިކަހަލަ ކޭކެއް ނާޅަން، މިއީ ފުރަތަމަ ފަހަރު މިގޮތަށް ކޭކެއް އެޅި،" މިއީ މުޅި ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބަަޔަކު ޝެއާ ކުރި އައިލެންޑް ކޭކު އެޅި، އައިޝަތު ޝިނާޒާ (ޝިނާ) ކައިރީ ކޭކާ ބެހޭ ގޮތުން އަހާލުމުންވެސް ފުރަތަމަ ބުނީ މިހެންނެވެ. ޝިނާ އާއި އޭނާގެ ފިރިމީހާ ސިލްމް ހުސައިން އެކުވެގެން ހެދި މިި ކޭކުވީ ބޮޑު ހިޓަކަށެވެ.

އަސްލު ކޭކެއްހެން ހީނުވެދާނެ އެވެ. އެކަމަކު، މިއީ ހަމަ އަސްލު ކޭކެކެވެ. "އައިލެންްޑް ކޭކު" ނަމުން ނަންދީފައި އޮތް މި ކޭކު އަޅާފައިވަނީ ރަށެއް ސިފަވާ ގޮތަށެވެ. ރަށްރަށުގެ އަތިރިމަތީ އެކީ އެކައްޗަކަށް ހުންނަ މަގޫގަސްތައް އެބަ ފެނެ އެވެ. ދޮން ވެލިގަނޑަކާއި ދެން އޮތީ ވަށައިގެން މާ ސިންގާ ކަނޑެވެ. ނުލުގެ ހުރިހާ ނުލެކެވެ. އަތިރިމައްޗަށް ރާޅުބީއްސާލާއިރު އަރާ ފޮނުގަނޑުވެސް އެބަ ފެނެ އެވެ. އަދި ބަލާލަބަލާށެވެ. އެއްގަމާ ދިމާލަށް އެ އަަންނަނީ މަޑި އެކެވެ. މިއީ ހަމަ އަސްލު ކޭކެކެވެ.

ޝިނާ ގާތު މި ކޭކުގައި އެއްވެސް "ފޭކެއް" ހުންނާނެތޯ ސުވާލު ކުރުމުން ބުނީ، ކޭކަކީ ހުސް އެޑިބަލް ކަމަށެވެ. ކޭކުގަައި ހުރި، ގަސްތަކާއި ވެއްޔާއި ރާޅުުތައް އަދި އެއްގަަމާ ދިމާލަށް އެ އަންނަ މަޑިވެސް ހަމަ ކާންވީ އެވެ. މަޑި ހަދާފައިވަނީ ގަމް ޕޭސްޓް އިންނެވެ. ވެލިގަނޑަކީ ކްރަމްބްސް އެވެ. އެތެރެ ފެންނަ ގޮތަށް އޮތް ސާފު ކަނޑާއި ކަނޑުގެ ރާޅުތައް ހަދާފައިވަނީ ޖެލަޓިން އާއި އެކި ކުލަތައް ބޭނުންކޮށްގެންނެވެ. އަތިރިމަތީގައި ހުރި ގަސްތައް އެއީ ޗޮކްލެޓު ގާނާފައި ކަމަށް ޝިނާ ބުންޏެވެ. ޝިނާގެ ކޭކު މޮޅުވީ މިހެންވީމަ އެވެ.

މި ކޭކުގެ މަސައްކަތުގައި ދެ ދުވަސް ވަންދެން އެ ދެމަފިރިން އުޅުނެވެ. ލޮކްޑައުންގެ ފޫހި ކަމާއި، ގޭގައި ތިބެން ޖެހުމުން އަބަދުވެސް ޓްރައި ކުރަން ބޭނުންވާ ކޭކު ހެދޭތޯ ބެލީ އެވެ. ބޭރު ގައުމުތަކުގައި މިކަހަލަ ކޭކުތައް އަޅާފައި ހުންނަތަން ފެނުމުން އެ ޓެކްނިކް ޓްރައި ކުރަން އަަބަދުވެސްް ބޭނުންވާ ކަމަށް ބުުންޏެވެ. ކޭކު ކޯހުގެ ތަޖުރިބާ އާއެކު ކޭކުގެ އެކި އުކުޅުތައް އެނގި އެ ކަންކަމަށް ފަރިތަ އެވެ. މި ކަމުގައި އަށް އަހަރު ވީ އިރު މިހާރު އޭނަގެ އެންމެ ގާތް އެހީތެރިއަކީ ފިރިމީހާ އެވެ. އެކަމަކު މި ކޭކުވީ އެ ދެމީހުންނަވެސް ބޮޑު ޗެލެންޖަކަށެވެ.

"އެންމެ ފުރަތަމަ ކޭކު އަޅާފައި އޭތި މަތީގައި ކޯޓެއް ލާފައި ދެން ޖެލީ/ޖެލަޓިން އޮއްސާލީ. އެފަހަރު ހަރެއް ނުލި. އެކި ތަންތަނުން ޖެލީތައް ފައިބައިގެން ފެއިލްވީ. ދެން އަނެއްކާ އެ ބައި ނަގާފަައި އަލުން ޖެލީ އެޅީ. ދެން ހުރީ ބޭނުންވި ގޮތަށް،" ޝިނާ ކިޔައިދިނެވެ.

މީގެ ކުރިންވެސް އާއިލާ މީހުންނަށާއި އެކި މުނާސަބަތުތަކަށް ޝިނާ ކޭކު އަޅައިދެ އެވެ. އަދި އެ ކޭކުތައް އޭނާގެ ފޭސްބުކްގައިވެސް ހިއްސާ ކުރެ އެވެ. އެކަމަކު މި ކޭކު ތަފާތުވެ އެތައް ބަޔެއްގެ ލޮލުގައި އަޅައިގަތެވެ. ކޭކުގެ ފޮޓޯ ޝެއާ ކުރި ނޮޓިފިކޭޝަންތަކާއެކު އޯޑަރުތަކަށް އެދި ޝިނާގެ އިންބޮކްސް ވެސް ފުރާލި އެވެ.

"ވަރަށް ގިނަ މީހުން ބުނި ކިހާވަރަކަށް ހެއްޔޭ އޭގެ ކޭކެއް އަޅައިދޭނީ. އެކަމަކު، އަލަށް މިކަހަލަ ކޭކެއް މިހެދީ، އެހެންވެ ނޭނގުން އަގު ބުނާކަށްވެސް. އެބަ ވިސްނަަން އޯޑަރަށް މިކަހަލަ ކޭކު އަޅައިދޭންވެސް،" ޝިނާ ބުންޏެވެ.

މި އަައިލެންްޑް ކޭކު ޝިނާ ދިނީ އޭނަގެ ދައްތައަކަށެވެ. ޗޮކްލެޓް ކޭކަކަށްވުމުން އެގޭ އެންމެންނަށް އެ ކޭކުގެ ރަހަވެސް ކަމުދިޔަ އެވެ. ގިިނަ ބަޔަކަށް "ޕާފެކްޓް"ވި މި ތަފާތު ކޭކުގެ ފަހަތުގައި ފޮރުވިފައި ތިބި ދެމަފިރިން ބޭނުންވަނީ ދެންވެސް އެކި ކަހަލަ ޓެކްނިކް އަށް ކޭކު ޓްރައިކޮށް ދައްކާލާށެވެ.