ކުޅިވަރު

އަންނަ ސީޒަނަށް ބެޓިސްގެ ކޯޗަކަށް ޕެލެގްރިނީ

އަންނަ ސީޒަނަށް ރެއާލް ބެޓިސްގެ ކޯޗަކަށް ވެސްޓްހަމްގެ ކުރީ ކޯޗް މެނައުލް ޕެލެގްރިނީ ހަމަޖައްސައިފި އެވެ.

ސްޕެއިންގެ އަންދަލޫސީއާ އަށް ނިސްބަތްވާ ކުލަބާއެކު ޗިލީގެ ކޯޗް ވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކޮށްފަ އެވެ. މީގެ ކުރިން ލަލީގާގައި މަސައްކަތް ކުރި ކޯޗް ވަނީ ރެއާލް މެޑްރިޑް، މަލަގާ އަދި ވިޔަރޭއަލްގައި މަސައްކަތް ކޮށްފަ އެވެ. މެންޗެސްޓާ ސިޓީގައި ތިން އަހަރު ވަންދެން މަސައްކަތް ކުރުމަށް ފަހު އޭނާ ދެ ން ބަދަލުވީ ޗައިނާގެ ސުޕަ ލީގަށެވެ. އަނެއްކާވެސް ޕްރިމިއާ ލީގަށް އެނބުރި އައިސް އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ވެސްޓްހަމް ޔުނައިޓެޑްގަ އެވެ.

ލަލީގާގައި ބެޓިސް އަށް ބާކީ އޮތީ ތިން މެޗެވެ. އެ ޓީމު އޮތީ 13 ވަނައިގަ އެވެ. މި ސީޒަންގައި އެ ޓީމުގެ ކޯޗަކަށް ހުރި ޖޮއާން ފެރޭރު (ރުބީ) ކޯޗް ކަމުން ވަކި ކުރީ މިދިޔަ މަހު އެވެ. ކޮރޯނާ ވައިރަސް އަށް ފަހު އަލުން ލީގް ފެށިއރު އޭނާގެ ކޯޗް ކަމުގެ ދަށުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބެޓިސް ވަނީ ބަލިވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އޭނާ ކޯޗް ކަމުން ވަކި ކުރީ މިދިޔަ މަހު 20 ވަނަ ދުވަހުގެ ރޭ އެތުލެޓިކް ބިލްބާއޯ އަތުންވެސް ބަލި ވުމުންނެވެ. ރުބީގެ ކޯޗް ކަމުގައި ބެޓިސް އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ.

ރުބީ ކޯޗް ކަމުން ވަކި ކުރުމުން، ވަގުތީ ގޮތުން ބެޓިސްގެ ކޯޗް ކަމާ ހަވާލުވީ، ސްޕޯޓިން ކޯޑިނޭޓާގެ މަގާމުގައި ހުރި އެ ކުލަބުގެ ކުރީގެ ކެޕްޓަން އެލެކްސިސް ޓްރިހީލިއޯ އެވެ. ބެޓިސްއަށް 300 ގާތް ކުރާ އަދަދަކަށް މެޗު ކުޅުނު ޓްރިހީލިއޯ ވަނީ ކުރިންވެސް ބެޓިސްގެ ވަގުތީ ކޯޗެއްގެ ޒިންމާތައް ނަގާފަ އެވެ. ބެޓިސްގެ ކޯޗް ކަމުގައި 2016-17 ގައި ހުރި ވިކްޓާ ސަންޗޭޒް މަގާމުން ވަކި ކުރުމުން ޓްރިހީލިއޯ ވަނީ އެ ސީޒަންގައިވެސް ބެޓިސް އަށް ކޯޗް ކޮށްދީފަ އެވެ.

މިދިޔަ ސީޒަންގައި ބެޓިސްގެ ކޯޗް ކަމުން ކީކޭ ސެޓިއެން ވަކި ކުރުމަށް ފަހުވެސް ބެޓިސް އިން ވަނީ ޕެލެގްރިނީ ގެންނަން މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވީ އޭނާ ދޫކޮށްލަން ވެސްޓްހަމްއިން ކީ އަގު ބޮޑު ކަމުންނެވެ.

ޕެލެގްރިނީ ކޯޗު ކަމުގެ ދަށުން ސިޓީއިން އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި ލީގް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އެވެ. ޔޫރަޕްގައި އެ ތިން ތަށި ނޫން އެހެން ކާމިޔާބެ އޭނާ އަށް ނުލިބެ އެވެ.